بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًا ۞ 1
ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (ޤުރްއާނުގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް ވަޙީ އިއްވަވައިފިއެވެ. ފަހެ (އެއުރެންގެ ޤައުމުގެމީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން ޢަޖާއިބު ވާފަދަ ޤުރްއާނެއްގެ އަޑު އަހައިފީމުއެވެ.
يَهْدِىٓ إِلَى ٱلرُّشْدِ فَـَٔامَنَّا بِهِۦ وَلَن نُّشْرِكَ بِرَبِّنَآ أَحَدًا ۞ 2
އެ ޤުރްއާން މަގުދައްކަނީ، ޙައްޤު ތެދުމަގަށެވެ. ފަހެ، ތިމަންމެން އެ ޤުރްއާނަށް އީމާން ވެއްޖައީމުއެވެ. އަދި ތިމަންމެންގެ ވެރިރަސްކަލާނގެއާ އެއްވެސް އެއްޗެއް ތިމަންމެން ޝަރީކެއް ނުކުރާނަމެވެ.
وَأَنَّهُۥ تَعَٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَٰحِبَةً وَلَا وَلَدًا ۞ 3
އަދި އަޅަމެންގެ ވެރިރަސްކަލާނގެ ޢަޡަމަތްތެރިކަން މަތިވެރިވެގެންވެއެވެ. އަދި އެކަލާނގެ އަނބިކަނބަލަކުވެސް، އަދި ދަރިކަލަކުވެސް ނުހިއްޕަވައެވެ.
وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطًا ۞ 4
އަދި ތިމަންމެންގެ ތެރެއިން ޖާހިލު ކަންބޮޑު މީހާ، ﷲއާމެދު ޙައްޤުން އެއްކިބާވެ، ހައްދުފަހަނަޅައިފައިވާ ބަސްބުނާކަމުގައިވިއެވެ.
وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلْإِنسُ وَٱلْجِنُّ عَلَى ٱللَّهِ كَذِبًا ۞ 5
އަދި ﷲއާމެދު އިންސިޔަކުވެސް، އަދި ޖިންނިޔަކުވެސް އެއްވެސް ދޮގެއް ނުބުނާނެކަމަށް ތިމަންމެން ހީކުރީމުއެވެ.
وَأَنَّهُۥ كَانَ رِجَالٌ مِّنَ ٱلْإِنسِ يَعُوذُونَ بِرِجَالٍ مِّنَ ٱلْجِنِّ فَزَادُوهُمْ رَهَقًا ۞ 6
އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) ކާފިރުކަމާއި ބޮޑާކަން އިތުރުކުރޫއެވެ.
وَأَنَّهُمْ ظَنُّوا۟ كَمَا ظَنَنتُمْ أَن لَّن يَبْعَثَ ٱللَّهُ أَحَدًا ۞ 7
އަދި ތިޔަބައިމީހުން (އެބަހީ: ޖިންނީން) ހީކުރިފަދައިން އެއުރެންވެސް (އެބަހީ: އިންސީންވެސް) ހީކުރީ، ﷲ، އެއްވެސް މީހަކު އަލުން ދިރުމަކަށް ނުފޮނުއްވާނެކަމަށެވެ.
وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَٰهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا ۞ 8
އަދި ތިމަންމެން އުޑުގެ ޚަބަރު ހޯދަން އުޅުނީމުއެވެ. ފަހެ، ތިމަންމެންނަށް އެތަންފެނުނީ، ބަލަހައްޓަވާ، ގަދަފަދަ މަލާއިކަތުންނާއި، ގިނިހިލަތަކުން ފުރިފައިވާތީއެވެ.
وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَٰعِدَ لِلسَّمْعِ فَمَن يَسْتَمِعِ ٱلْـَٔانَ يَجِدْ لَهُۥ شِهَابًا رَّصَدًا ۞ 9
އަދި ތިމަންމެން އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައިވީމުއެވެ. ފަހެ، މިހާރު އެ އަޑު އަހަންއުޅޭމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނިހިލަޔެކެވެ.
وَأَنَّا لَا نَدْرِىٓ أَشَرٌّ أُرِيدَ بِمَن فِى ٱلْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا ۞ 10
އަދި ބިމުގައިވާ މީހުންނަށް އިރާދަކުރައްވާފައިވަނީ، ނުބަޔަކަށްކަން، ނުވަތަ އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް އިރާދަކުރައްވާފައިވަނީ، ތެދުމަގަކަށްކަން ތިމަންމެންނަކަށް ނޭނގެތެވެ.
وَأَنَّا مِنَّا ٱلصَّٰلِحُونَ وَمِنَّا دُونَ ذَٰلِكَ كُنَّا طَرَآئِقَ قِدَدًا ۞ 11
އަދި ތިމަންމެންގެ ތެރެއިން ހެޔޮލަފާ މީހުންނާއި، އެނޫން މީހުންވެއެވެ. ތިމަންމެންވަނީ، ތަފާތު ބައިބަޔަށެވެ.
وَأَنَّا ظَنَنَّآ أَن لَّن نُّعْجِزَ ٱللَّهَ فِى ٱلْأَرْضِ وَلَن نُّعْجِزَهُۥ هَرَبًا ۞ 12
އަދި ތިމަންމެންނަށް ބިމުގައި ﷲ ނުކުޅައްދައި ނުލެވޭނެކަމާއި، އަދި އެކަލާނގެއަށް ފިލައިގެން ދިޔުމުގައިވެސް ނުކުޅައްދައި ނުލެވޭނެކަން ތިމަންމެން ޔަޤީން ކުރަމުއެވެ.
وَأَنَّا لَمَّا سَمِعْنَا ٱلْهُدَىٰٓ ءَامَنَّا بِهِۦ فَمَن يُؤْمِنۢ بِرَبِّهِۦ فَلَا يَخَافُ بَخْسًا وَلَا رَهَقًا ۞ 13
އަދި ތިމަންމެން ތެދުމަގުގެ އަޑު (އެބަހީ: ޤުރްއާނުގެއަޑު) އެހިހިނދު، ތިމަންމެން އެއަށް އީމާން ވެއްޖައީމުއެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއަށް އީމާންވާ މީހާ (ދަންނާށެވެ!) ފަހެ، ދަރުމަ އުނިކުރައްވައިފާނެކަމަކަށް، އަދި އަނިޔާލިބިދާނެކަމަކަށް އެމީހާ ބިރެއްނުގަންނާނެތެވެ.
وَأَنَّا مِنَّا ٱلْمُسْلِمُونَ وَمِنَّا ٱلْقَٰسِطُونَ فَمَنْ أَسْلَمَ فَأُو۟لَٰٓئِكَ تَحَرَّوْا۟ رَشَدًا ۞ 14
އަދި ތިމަންމެންގެ ތެރެއިން މުސްލިމުންވެއެވެ. އަދި ތިމަންމެންގެ ތެރެއިން ތެދުމަގުން އެއްކިބާވެފައިވާ މީހުންވެއެވެ. ފަހެ، އިސްލާމްވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން ތެދުމަގު އިޚްތިޔާރު ކޮށްފޫއެވެ.
وَأَمَّا ٱلْقَٰسِطُونَ فَكَانُوا۟ لِجَهَنَّمَ حَطَبًا ۞ 15
އަދި ތެދުމަގުން އެއްކިބާވި މީހުން ދަންނާށެވެ! ފަހެ، ނަރަކައިގެ ދަރު ކަމުގައި އެއުރެންވޫއެވެ.
وَأَلَّوِ ٱسْتَقَٰمُوا۟ عَلَى ٱلطَّرِيقَةِ لَأَسْقَيْنَٰهُم مَّآءً غَدَقًا ۞ 16
އެއުރެން ތެދުމަގުގައި ސީދާވެ ތިބެއްޖެނަމަ، ތިމަންރަސްކަލާނގެ، ހަމަކަށަވަރުން، އެއުރެންނަށް ގިނަވެގެންވާ ފެން (އެބަހީ: ރިޒްޤު ތަނަވަސްކުރެއްވުން) ދެއްވާހުށީމެވެ.
لِّنَفْتِنَهُمْ فِيهِ وَمَن يُعْرِضْ عَن ذِكْرِ رَبِّهِۦ يَسْلُكْهُ عَذَابًا صَعَدًا ۞ 17
(އެއީ) ތިމަންރަސްކަލާނގެ، އެއުރެން އެކަމުގައި އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. އަދި އެމީހާގެ ވެރިރަސްކަލާނގެ ހަނދުމަކުރުމުން އެއްކިބާވެއްޖެ މީހާ (ދަންނާށެވެ!) ގަދަފަދަވެގެންވާ ޢަޛާބަކަށް އެކަލާނގެ އެމީހާ ވައްދަވާހުށްޓެވެ.
وَأَنَّ ٱلْمَسَٰجِدَ لِلَّهِ فَلَا تَدْعُوا۟ مَعَ ٱللَّهِ أَحَدًا ۞ 18
އަދި މިސްކިތްތައް ވަނީ ﷲއަށެވެ. ފަހެ، ތިޔަބައިމީހުން ﷲއާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!
وَأَنَّهُۥ لَمَّا قَامَ عَبْدُ ٱللَّهِ يَدْعُوهُ كَادُوا۟ يَكُونُونَ عَلَيْهِ لِبَدًا ۞ 19
އަދި ﷲގެ އަޅާ، އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަތްހިނދު (އެ ޖިންނީންގެ) ޖަމާޢަތްތައް އެކަލޭގެފާނުގެ އަރިހަށް (އެކަލޭގެފާނު ކިޔަވައި ވިދާޅުވާ އަޑު އެހުމަށް) ބޮނޑިވެގަތުމާ ގާތްވޫއެވެ.
قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا ۞ 20
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަޅުކަންކުރައްވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެއްވެސް ފަރާތެއް އެކަލާނގެއާ ޝަރީކެއް ނުކުރައްވަމެވެ.
قُلْ إِنِّى لَآ أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا ۞ 21
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ.
قُلْ إِنِّى لَن يُجِيرَنِى مِنَ ٱللَّهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِۦ مُلْتَحَدًا ۞ 22
ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން، ﷲގެ ޢަޛާބުން، ތިމަންކަލޭގެފާނު މިންޖުކުރާނޭ ހަމައެކަކުވެސް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވުމަށްދާނޭ އެހެންފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
إِلَّا بَلَٰغًا مِّنَ ٱللَّهِ وَرِسَٰلَٰتِهِۦ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَإِنَّ لَهُۥ نَارَ جَهَنَّمَ خَٰلِدِينَ فِيهَآ أَبَدًا ۞ 23
އެހެނެއްކަމަކު (ތިމަންކަލޭގެފާނަށްއޮތީ) ﷲގެ ޙަޟްރަތުން އަންގަވާ އެންގެވުމަކާއި، އެކަލާނގެ ރިސާލަތްތައް އިއްވެވުމެވެ. ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އުރެދޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ.
حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا ۞ 24
އެއުރެންނަށް ވަޢުދު ކުރައްވާފައިވާ ޢަޛާބު ފެނިއްޖައުމަށް ދާނދެނެވެ. ފަހެ، އެހިނދު ނަޞްރު ދޭ މީހުންގެ ގޮތުން ނިކަމެތި، އަދި ޢަދަދުގެގޮތުން މަދީ ކޮންބަޔެއްކަން ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
قُلْ إِنْ أَدْرِىٓ أَقَرِيبٌ مَّا تُوعَدُونَ أَمْ يَجْعَلُ لَهُۥ رَبِّىٓ أَمَدًا ۞ 25
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ޢަޛާބު ގާތްވެއްޖެކަމެއްވެސް، ނުވަތަ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަމަކަށް ދިގުމުއްދަތެއް ލައްވާނެކަމެއްވެސް ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަނެތެވެ.
عَٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا ۞ 26
(އެކަލާނގެއީ) ޣައިބު ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ޣައިބެއްވެސް މީހަކަށް ފާޅެއްނުކުރައްވަތެވެ.
إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ فَإِنَّهُۥ يَسْلُكُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ رَصَدًا ۞ 27
އެކަލާނގެ ރުހިވޮޑިގެންވާ ރަސޫލަކަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ އެ ރަސޫލެއްގެ ކުރިފުޅުމަތިންނާއި، ފަހަތްޕުޅުން ބަލަހައްޓަވާ މަލާއިކަތުން ފޮނުއްވަތެވެ.
لِّيَعْلَمَ أَن قَدْ أَبْلَغُوا۟ رِسَٰلَٰتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَىٰ كُلَّ شَىْءٍ عَدَدًۢا ۞ 28
(އެއީ) އެބޭކަލުންގެ ވެރިރަސްކަލާނގެ ރިސާލަތްތައް އެބޭކަލުން އިއްވެވިކަން ދެނެވޮޑިގެންވެ، އެކަން ހާމަވުމަށްޓަކައެވެ. އަދި އެބޭކަލުންގެ މެދުގައި ވާހާ ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެ ހުރިހާ އެއްޗެއްގެ ޢަދަދު ދެނެވޮޑިގެންވެތެވެ.