AFIRIN Learn • Practice • Succeed
QURAN READER · 68 OF 114

Al-Qalam

52 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ نٓ وَٱلْقَلَمِ وَمَا يَسْطُرُونَ ۞ 1

ن (މި އަކުރުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.) ޤަލަމާއި (އެ ޤަލަމުން) އެއުރެން ލިޔާ ތަކެތި ގަންދެއްވައި ވަޙީ ކުރައްވަމެވެ.

مَآ أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ ۞ 2

ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނިޢުމަތުން ކަލޭގެފާނީ މޮޔަޔަކު ކަމުގައި ވެވަޑައިނުގަންނަވަމުއެވެ.

وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ ۞ 3

އަދި ހަމަކަށަވަރުން، ނިމުމެއްނުވާ ދަރުމައެއް ކަލޭގެފާނަށް ހުށްޓެވެ.

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ۞ 4

އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.

فَسَتُبْصِرُ وَيُبْصِرُونَ ۞ 5

ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި އެއުރެންނަށްވެސް ފެންނާނެތެވެ.

بِأَييِّكُمُ ٱلْمَفْتُونُ ۞ 6

މޮޔަވެފައިވަނީ ތިޔަބައިމީހުންކުރެ ކާކުކަމެވެ.

إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ ۞ 7

ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.

فَلَا تُطِعِ ٱلْمُكَذِّبِينَ ۞ 8

ފަހެ، ދޮގުކުރާ މީހުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ!

وَدُّوا۟ لَوْ تُدْهِنُ فَيُدْهِنُونَ ۞ 9

ކަލޭގެފާނު އެއުރެންނަށް ދުލެއް ދެއްވާނެނަމަ، ކޮންފަދަހޭ ހިތައި، އެކަމަށް އެއުރެން އެދުނޫއެވެ. އެއީ އެއުރެންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ.

وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ ۞ 10

އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ!

هَمَّازٍ مَّشَّآءٍۭ بِنَمِيمٍ ۞ 11

(އެއީ) ޣީބަ ބުނެހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ.

مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ ۞ 12

ހެޔޮކަންތައް މަނާކުރުންގިނަ، ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ މީހާއެވެ.

عُتُلٍّۭ بَعْدَ ذَٰلِكَ زَنِيمٍ ۞ 13

ހިތްހަރު މީހާއެވެ. އެހުރިހާ ކަމަކަށްފަހުގައި، ބަފާ ނުކަށަވަރު ދަރިޔެކެވެ.

أَن كَانَ ذَا مَالٍ وَبَنِينَ ۞ 14

އޭނާއީ މުދާވެރި، އަދި ދަރިންތިބި މީހަކަށްވީތީއެވެ.

إِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلْأَوَّلِينَ ۞ 15

ތިމަންރަސްކަލާނގެ އާޔަތްތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ.

سَنَسِمُهُۥ عَلَى ٱلْخُرْطُومِ ۞ 16

ނިކަންހުރެ އޭނާގެ ނޯށްމަތީގައި ތިމަންރަސްކަލާނގެ ފާހަގަލައްވާހުށީމެވެ.

إِنَّا بَلَوْنَٰهُمْ كَمَا بَلَوْنَآ أَصْحَٰبَ ٱلْجَنَّةِ إِذْ أَقْسَمُوا۟ لَيَصْرِمُنَّهَا مُصْبِحِينَ ۞ 17

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން އިމްތިޙާނު ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބަގީޗާގެ އަހުލުވެރިން އިމްތިޙާނު ކުރެއްވި ފަދައިންނެވެ. އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ.

وَلَا يَسْتَثْنُونَ ۞ 18

އަދި އެއުރެން އިސްތިޘްނާއެއް ނުކުރެތެވެ. (އެބަހީ: إن شاء ﷲ އޭ ނުބުނެތެވެ.)

فَطَافَ عَلَيْهَا طَآئِفٌ مِّن رَّبِّكَ وَهُمْ نَآئِمُونَ ۞ 19

ފަހެ (އެރޭ) އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ.

فَأَصْبَحَتْ كَٱلصَّرِيمِ ۞ 20

ދެން އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ.

فَتَنَادَوْا۟ مُصْبِحِينَ ۞ 21

ފަހެ، އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ.

أَنِ ٱغْدُوا۟ عَلَىٰ حَرْثِكُمْ إِن كُنتُمْ صَٰرِمِينَ ۞ 22

ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ!

فَٱنطَلَقُوا۟ وَهُمْ يَتَخَٰفَتُونَ ۞ 23

ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ.

أَن لَّا يَدْخُلَنَّهَا ٱلْيَوْمَ عَلَيْكُم مِّسْكِينٌ ۞ 24

މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް މިސްކީނަކު ވަނަދީގެނެއް ނުވާނެތެވެ.

وَغَدَوْا۟ عَلَىٰ حَرْدٍ قَٰدِرِينَ ۞ 25

އަދި ފަޤީރުންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެކަމުގެ ޤަޞްދުގައި ހެނދުނާ އެއުރެން ދިޔައޫއެވެ.

فَلَمَّا رَأَوْهَا قَالُوٓا۟ إِنَّا لَضَآلُّونَ ۞ 26

ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ ޙާލު ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ.

بَلْ نَحْنُ مَحْرُومُونَ ۞ 27

އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) މަޙްރޫމު ވެގެންވާ ބަޔަކީމުއެވެ.

قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ ۞ 28

އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (ﷲ ހަނދުމަކޮށް) ތަސްބީޙަ ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟

قَالُوا۟ سُبْحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ ۞ 29

އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ.

فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَٰوَمُونَ ۞ 30

ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ.

قَالُوا۟ يَٰوَيْلَنَآ إِنَّا كُنَّا طَٰغِينَ ۞ 31

އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކުކަމުގައެވެ.

عَسَىٰ رَبُّنَآ أَن يُبْدِلَنَا خَيْرًا مِّنْهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ ۞ 32

އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ ނިޢުމަތެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ.

كَذَٰلِكَ ٱلْعَذَابُ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ لَوْ كَانُوا۟ يَعْلَمُونَ ۞ 33

ޢަޛާބު ހުރީ އެފަދައިންނެވެ. އަދި އާޚިރަތުގެ ޢަޛާބު (އެއަށްވުރެ) މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ.

إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّٰتِ ٱلنَّعِيمِ ۞ 34

ހަމަކަށަވަރުން، ތަޤްވާވެރިންނަށް އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ނިޢުމަތުގެ ސުވަރުގެތައްވެއެވެ.

أَفَنَجْعَلُ ٱلْمُسْلِمِينَ كَٱلْمُجْرِمِينَ ۞ 35

ފަހެ، ތިމަންރަސްކަލާނގެ (ކިޔަމަންތެރި) މުސްލިމުން (ކާފިރުވި) ކުށްވެރިންނާ އެއްފަދަ ކުރައްވާނޭ ހެއްޔެވެ؟

مَا لَكُمْ كَيْفَ تَحْكُمُونَ ۞ 36

ތިޔަބައިމީހުންނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ ޙުކުމް ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟

أَمْ لَكُمْ كِتَٰبٌ فِيهِ تَدْرُسُونَ ۞ 37

އަދި ކިއެއްތަ! ތިޔަބައިމީހުން އެފޮތުން ކިޔަވާނޭ ފޮތެއް ތިޔަބައިމީހުންނަށް ވޭހެއްޔެވެ؟

إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ ۞ 38

ހަމަކަށަވަރުން، އެފޮތުގައި ތިޔަބައިމީހުން އިޚްތިޔާރު ކުރަން ބޭނުން ގޮތްތައް ވޭހެއްޔެވެ؟

أَمْ لَكُمْ أَيْمَٰنٌ عَلَيْنَا بَٰلِغَةٌ إِلَىٰ يَوْمِ ٱلْقِيَٰمَةِ إِنَّ لَكُمْ لَمَا تَحْكُمُونَ ۞ 39

ނުވަތަ ޤިޔާމަތް ދުވަހާ ޖެހެންދެން ކަށަވަރުވެ، ދެމިއޮންނަ ޢަހުދުތަކެއް ތިމަންރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން ޙުކުމް ކުރާ ގޮތްތައްހުރީ، ހަމަ ތިޔަބައިމީހުންނަށެވެ.

سَلْهُمْ أَيُّهُم بِذَٰلِكَ زَعِيمٌ ۞ 40

ކަލޭގެފާނު އެއުރެންނާ ސުއާލު ކުރައްވައި ބައްލަވާށެވެ! އެއުރެންކުރެ އެކަމަށް ޖާމިނުވާހުށީ ކާކުހެއްޔެވެ؟

أَمْ لَهُمْ شُرَكَآءُ فَلْيَأْتُوا۟ بِشُرَكَآئِهِمْ إِن كَانُوا۟ صَٰدِقِينَ ۞ 41

ނުވަތަ އެއުރެންނަށް ބައިވެރިންތަކެއް ވަނީހެއްޔެވެ؟ އެއުރެންނީ ތެދުވެރިންކަމުގައިވާނަމަ، ފަހެ، އެއުރެންގެ ބައިވެރިން ގޮވައިގެން އެއުރެން އަންނަހުށިކަމެވެ!

يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى ٱلسُّجُودِ فَلَا يَسْتَطِيعُونَ ۞ 42

ކަންތައްތައް ބޮޑުވެދާ ދުވަސް (އެބަހީ: ޤިޔާމަތް ދުވަސް) ހަނދުމަކުރާށެވެ! (އެދުވަހުން) އެއުރެންނަށް ސަޖިދަ ކުރުމަށް ގޮވައިލައްވާނެތެވެ. ފަހެ، އެއުރެންނަކަށް (އެކަމަކަށް) ކުޅަދާނަވެގެނެއްނުވާނެތެވެ.

خَٰشِعَةً أَبْصَٰرُهُمْ تَرْهَقُهُمْ ذِلَّةٌ وَقَدْ كَانُوا۟ يُدْعَوْنَ إِلَى ٱلسُّجُودِ وَهُمْ سَٰلِمُونَ ۞ 43

(އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެ، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަކަށަވަރުން، އެއުރެން ސަލާމަތުން ތިބިއިރު، ސަޖިދަ ކުރުމަށް ގޮވައިލައްވާ ކަމުގައިވިއެވެ.

فَذَرْنِى وَمَن يُكَذِّبُ بِهَٰذَا ٱلْحَدِيثِ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ ۞ 44

ފަހެ، މި ޤުރްއާން ދޮގުކުރާމީހުން، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އެއުރެންނަށް ނޭނގޭނޭގޮތުން (ޢަޛާބުގެ ތެރެޔަށް) ތިމަންރަސްކަލާނގެ، އެއުރެން ނިކަންހުރެ ގެންދަވާހުށީމެވެ.

وَأُمْلِى لَهُمْ إِنَّ كَيْدِى مَتِينٌ ۞ 45

އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ލަސްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރޭއްވެވުން ގަދަފަދަވެގެންވެއެވެ.

أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ ۞ 46

އަދި ކިއެއްތަ! އެއުރެންގެ ކިބައިން އުޖޫރައަކަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީތޯއެވެ؟ ފަހެ، އެއުރެން އެ އުޖޫރަ ދޭންޖެހުމުގެ ސަބަބުން އެއުރެންނަށް ބުރަކަމެއް ލިބެނީތޯއެވެ؟

أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ ۞ 47

ނުވަތަ އެއުރެން (އެއިން) ލިޔުމަށް އެއުރެންގެ ގާތުގައި ޣައިބުގެ ޢިލްމު ވަނީހެއްޔެވެ؟

فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌ ۞ 48

ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙުކުމްފުޅަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ބޮޑުމަހުގެ އެކުވެރިޔާ (އެބަހީ: ޔޫނުސުގެފާނު) ފަދައިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! އެކަލޭގެފާނު، ބޮޑުވެގެންވާ ހިތާމައިގައިވާ ޙާލު، ދުޢާ ކުރެއްވި ހިނދުގައެވެ.

لَّوْلَآ أَن تَدَٰرَكَهُۥ نِعْمَةٌ مِّن رَّبِّهِۦ لَنُبِذَ بِٱلْعَرَآءِ وَهُوَ مَذْمُومٌ ۞ 49

އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފޮނުއްވި ނިޢުމަތެއް، އެކަލޭގެފާނާ ހަމަޔަށް ވާޞިލު ނުވިނަމަ، އެކަލޭގެފާނަށް މަލާމާތްލިބިގެންވާ ޙާލު (މަހުގެ ބަނޑުން، ކަނޑުގެ) އައްސޭރިޔަށް އެކަލޭގެފާނު އެއްލައިލެއްވީހެވެ.

فَٱجْتَبَٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّٰلِحِينَ ۞ 50

ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނު ޚިޔާރު ކުރެއްވިއެވެ. އަދި ޞާލިޙު އަޅުންގެ ތެރެއިން އެކަލޭގެފާނު ލެއްވިއެވެ.

وَإِن يَكَادُ ٱلَّذِينَ كَفَرُوا۟ لَيُزْلِقُونَكَ بِأَبْصَٰرِهِمْ لَمَّا سَمِعُوا۟ ٱلذِّكْرَ وَيَقُولُونَ إِنَّهُۥ لَمَجْنُونٌ ۞ 51

ކާފިރުވި މީހުން ޤުރްއާނުގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ.

وَمَا هُوَ إِلَّا ذِكْرٌ لِّلْعَٰلَمِينَ ۞ 52

ޢާލަމްތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެ ޤުރްއާން ނުވެއެވެ.