بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ يَٰٓأَيُّهَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ تَبْتَغِى مَرْضَاتَ أَزْوَٰجِكَ وَٱللَّهُ غَفُورٌ رَّحِيمٌ ۞ 1
އޭ ނަބިއްޔާއެވެ! ﷲ، ކަލޭގެފާނަށް ޙަލާލު ކުރައްވާފައިވާ ކަމެއް، ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ރުހުން ހޯއްދެވުމަށްޓަކައި ކަލޭގެފާނު ޙަރާމް ކުރައްވަނީ ކީއްވެގެންތޯއެވެ؟ ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
قَدْ فَرَضَ ٱللَّهُ لَكُمْ تَحِلَّةَ أَيْمَٰنِكُمْ وَٱللَّهُ مَوْلَىٰكُمْ وَهُوَ ٱلْعَلِيمُ ٱلْحَكِيمُ ۞ 2
ތިޔަބައިމީހުންގެ ހުވާތަކުން ބަރީއަވާނޭގޮތް، ހަމަކަށަވަރުން، ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވައިފިއެވެ. ﷲއީ، ތިޔަބައިމީހުންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
وَإِذْ أَسَرَّ ٱلنَّبِىُّ إِلَىٰ بَعْضِ أَزْوَٰجِهِۦ حَدِيثًا فَلَمَّا نَبَّأَتْ بِهِۦ وَأَظْهَرَهُ ٱللَّهُ عَلَيْهِ عَرَّفَ بَعْضَهُۥ وَأَعْرَضَ عَنۢ بَعْضٍ فَلَمَّا نَبَّأَهَا بِهِۦ قَالَتْ مَنْ أَنۢبَأَكَ هَٰذَا قَالَ نَبَّأَنِىَ ٱلْعَلِيمُ ٱلْخَبِيرُ ۞ 3
ނަބިއްޔާ، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންގެ އަރިހުގައި (އެބަހީ: ޙަފްޞާގެފާނުގެ އަރިހުގައި) ވާހަކައެއް ސިއްރުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ފަހެ، އެކަމަނާ އެވާހަކައިން (ޢާއިޝާގެފާނަށް) ޚަބަރު ކުރެއްވިހިނދު، އަދި ﷲ، އެކަލޭގެފާނަށް އެކަން ފާޅުކުރެއްވުމުން، އެވާހަކައިން ބައެއް އެކަލޭގެފާނު (އެކަމަނާއަށް) އަންގަވައި، އަނެއްބައި ނާންގަވައި ދޫކޮށްލެއްވިއެވެ. ފަހެ، އެކަމަނާއަށް އެވާހަކައިން އެކަލޭގެފާނު ޚަބަރު ކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް މި ޚަބަރު ދިނީ ކާކުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް އެ ޚަބަރު އެންގެވީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ.
إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَٰهَرَا عَلَيْهِ فَإِنَّ ٱللَّهَ هُوَ مَوْلَىٰهُ وَجِبْرِيلُ وَصَٰلِحُ ٱلْمُؤْمِنِينَ وَٱلْمَلَٰٓئِكَةُ بَعْدَ ذَٰلِكَ ظَهِيرٌ ۞ 4
ތިޔަ ދެބޭކަނބަލުން ﷲއަށް ތައުބާ ވާނަމަ (އެގޮތް ތިޔަ ދެބޭކަނބަލުންނަށް ހެޔޮކަން ބޮޑެވެ.) ފަހެ، ތިޔަ ދެބޭކަނބަލުންގެ ހިތްޕުޅު (ރަސޫލާ އެދިވަޑައިގަންނަވާ ކަންތަކުން) އެއްކިބާވެއްޖެކަން ކަށަވަރެވެ. އަދި ތިޔަ ދެބޭކަނބަލުން އެކަލޭގެފާނާ ދެކޮޅަށް އެކަކު އަނެކަކަށް ވާގިވެރިވާނަމަ، ފަހެ، ހަމަކަށަވަރުން، ﷲއީ، އެކަލޭގެފާނުގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އަދި ޖިބްރީލުގެފާނާއި، ޞާލިޙު މުއުމިނުންވެސްމެއެވެ. އަދި އެއަށްފަހު، މަލާއިކަތުންވެސް، އެކަލޭގެފާނުގެ އެހީތެރިން ކަމުގައިވެއެވެ.
عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبْدِلَهُۥٓ أَزْوَٰجًا خَيْرًا مِّنكُنَّ مُسْلِمَٰتٍ مُّؤْمِنَٰتٍ قَٰنِتَٰتٍ تَٰٓئِبَٰتٍ عَٰبِدَٰتٍ سَٰٓئِحَٰتٍ ثَيِّبَٰتٍ وَأَبْكَارًا ۞ 5
އެކަލޭގެފާނު، ތިޔަކަނބަލުން ވަރިކުރައްވައިފިނަމަ، ތިޔަކަނބަލުންނަށްވުރެ ހެޔޮކަންބޮޑު އަނބިންތަކެއް، އޭގެބަދަލުގައި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ދެއްވައިފާނެތެވެ. (އެއީ) އިސްލާމް ވެގެންވާ، އީމާން ވެގެންވާ، ކިޔަމަންވާ، ތައުބާވާ، އަޅުވެރި، ރޯދަހިފާ، ބިކުރުވެރިނޫން އަނބިންނާއި، ބިކުރުވެރި އަނބިންނެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ۞ 6
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.
يَٰٓأَيُّهَا ٱلَّذِينَ كَفَرُوا۟ لَا تَعْتَذِرُوا۟ ٱلْيَوْمَ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ۞ 7
އޭ ކާފިރު ވެއްޖެ މީސްތަކުންނޭވެ! މިއަދު ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ! ތިޔަބައިމީހުންނަށް ޖަޒާދެއްވާކަން ކަށަވަރީ، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ يَوْمَ لَا يُخْزِى ٱللَّهُ ٱلنَّبِىَّ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِمْ يَقُولُونَ رَبَّنَآ أَتْمِمْ لَنَا نُورَنَا وَٱغْفِرْ لَنَآ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ۞ 8
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން، ތިޔަބައިމީހުން ﷲއަށް ތައުބާ ވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ އީމާން ވިމީހުން، ﷲ ނިކަމެތިނުކުރައްވާނެ ދުވަހުގައެވެ. އެއުރެންގެ ނޫރު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
يَٰٓأَيُّهَا ٱلنَّبِىُّ جَٰهِدِ ٱلْكُفَّارَ وَٱلْمُنَٰفِقِينَ وَٱغْلُظْ عَلَيْهِمْ وَمَأْوَىٰهُمْ جَهَنَّمُ وَبِئْسَ ٱلْمَصِيرُ ۞ 9
އޭ ނަބިއްޔާއެވެ! ކާފިރުންނާއި، މުނާފިޤުންނާ ދެކޮޅަށް ކަލޭގެފާނު ޖިހާދު ކުރައްވާށެވެ! އަދި އެއުރެންގެ މައްޗަށް ހަރުކަށިވެވަޑައިގަންނަވާށެވެ! އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
ضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ كَفَرُوا۟ ٱمْرَأَتَ نُوحٍ وَٱمْرَأَتَ لُوطٍ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَٰلِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ ٱللَّهِ شَيْـًٔا وَقِيلَ ٱدْخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ ۞ 10
ނޫޙުގެފާނުގެ އަނބިކަނބަލުންނާއި، ލޫޠުގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، ކާފިރު ވިމީހުންނަށް ﷲ، މިޘާލެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ ޞާލިޙު އަޅުންގެ ތެރެއިން ދެ އަޅެއްގެ އަމުރުގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް ޚިޔާނަތްތެރިވިއެވެ. ފަހެ، ﷲގެ ޙަޟްރަތުން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!
وَضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ۞ 11
އަދި ފިރްޢައުނުގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ، މިޘާލެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރްޢައުނާއި، އޭނާގެ (ނުބައި) ޢަމަލުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!
وَمَرْيَمَ ٱبْنَتَ عِمْرَٰنَ ٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتْ مِنَ ٱلْقَٰنِتِينَ ۞ 12
އަދި ޢިމްރާނުގެ ދަރިކަނބަލުން މަރިޔަމުގެފާނުގެ މިޘާލު ވެސްމެއެވެ. އެކަމަނާއީ، އެކަމަނާގެ ފަރުޖު ރައްކާތެރިކުރެއްވި ކަމަނާއެވެ. ފަހެ، ތިމަންރަސްކަލާނގެ ރޫޙުފުޅުން އެކަމަނާގެ ގައިކޮޅަށް ފުމެލެއްވީމެވެ. އަދި އެކަމަނާގެ ވެރިރަސްކަލާނގެ ކަލިމަފުޅުތަކާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތައް އެކަމަނާ ތެދުކުރެއްވިއެވެ. އަދި އެކަމަނާ ވަނީ، ކިޔަމަންތެރި އަޅުވެރިންގެ ތެރެއިންނެވެ.