AFIRIN Learn • Practice • Succeed
QURAN READER · 49 OF 114

Al-Hujurat

18 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ وَٱتَّقُوا۟ ٱللَّهَ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ ۞ 1

އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ﷲއާއި، އެކަލާނގެ ރަސޫލާގެ ޙަޟްރަތުގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَٰلُكُمْ وَأَنتُمْ لَا تَشْعُرُونَ ۞ 2

އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނޫފުލާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ގަދައަޑުން ވާހަކަދައްކާފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގިތިއްބައި، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލު ވެދާނެތީއެވެ.

إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُو۟لَٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ ۞ 3

ހަމަކަށަވަރުން، ﷲގެ ރަސޫލާގެ އަރިހުގައި އެއުރެންގެ އަޑު މަޑުކުރާ މީހުންނީ އެއުރެންގެ ހިތްތައް ﷲ، އިމްތިޙާނު ކުރައްވައި، ތަޤްވާވެރިވުމަށް ފަހިކޮށްދެއްވި މީހުންނެވެ. އެއުރެންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއްހުށްޓެވެ.

إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلْحُجُرَٰتِ أَكْثَرُهُمْ لَا يَعْقِلُونَ ۞ 4

ހަމަކަށަވަރުން، (ކަލޭގެފާނުގެ) ކޮޓަރިކޮޅުތަކުގެ ބޭރުން ކަލޭގެފާނަށް ގޮވައި ދަންނަވާ މީހުންކުރެ ގިނަމީހުންނަކަށް ނުވިސްނެތެވެ.

وَلَوْ أَنَّهُمْ صَبَرُوا۟ حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَّهُمْ وَٱللَّهُ غَفُورٌ رَّحِيمٌ ۞ 5

އަދި ކަލޭގެފާނު އެއުރެންގެގާތަށް ނުކުމެވަޑައިގަންނަވަންދެން އެއުރެން ކެތްކުރިނަމަ، އެގޮތް އެއުރެންނަށް މާހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَٰدِمِينَ ۞ 6

އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.

وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ لَوْ يُطِيعُكُمْ فِى كَثِيرٍ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ أُو۟لَٰٓئِكَ هُمُ ٱلرَّٰشِدُونَ ۞ 7

އަދި ތިޔަބައިމީހުންގެ ތެރޭގައި ﷲގެ ރަސޫލާ ހުންނެވިކަން ތިޔަބައިމީހުން ދަންނާށެވެ! ކަންތައްތަކުގެ ތެރެއިން ގިނަކަންތަކުގައި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔަމަންވެވަޑައިގަންނަވާނަމަ، ތިޔަބައިމީހުންނަށް ގެއްލުން ލިބިއްޖައީހެވެ. އަދި އެހެނެއްކަމަކު ﷲ، ތިޔަބައިމީހުން އީމާންކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ އީމާންކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ކާފިރުކަމާއި، ފާސިޤުކަމާއި، އުރެދުމަށް ތިޔަބައިމީހުން ނުރުހުންތެރިކުރެއްވިއެވެ. އެއުރެންނީ، ހަމަ ތެދުމަގު ލިބިގެންވާ މީހުންނެވެ.

فَضْلًا مِّنَ ٱللَّهِ وَنِعْمَةً وَٱللَّهُ عَلِيمٌ حَكِيمٌ ۞ 8

(އެއީ) ﷲގެ ޙަޟްރަތުންވާ ފަޟްލުވަންތަވެރިކަމަކާއި، ނިޢުމަތެކެވެ. ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.

وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ۞ 9

މުއުމިނުންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ! އޭގެތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ބަޣާވާތް ކޮށްފިނަމަ، އެ ބަޣާވާތް ކުރިމީހުން ﷲގެ އަމުރުފުޅަށް ރުޖޫޢަ ވެއްޖައުމަށްދާނދެން އެއުރެންނާ ހަނގުރާމަކުރާށެވެ! ފަހެ، އެއުރެން ރުޖޫޢަ ވެއްޖެނަމަ، ފަހެ، ޢަދުލުވެރިގޮތުން އެދެބައިމީހުންގެ ދެމެދު ޞުލްޙަ ކުރާށެވެ! އަދި ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! ހަމަކަށަވަރުން، ޢަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ.

إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ ۞ 10

މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَٰبِ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَٰنِ وَمَن لَّمْ يَتُبْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ ۞ 11

އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާން ވުމަށްފަހު ފާސިޤު ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَٱتَّقُوا۟ ٱللَّهَ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ ۞ 12

އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.

يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ ۞ 13

އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފް ވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ.

قَالَتِ ٱلْأَعْرَابُ ءَامَنَّا قُل لَّمْ تُؤْمِنُوا۟ وَلَٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَٰنُ فِى قُلُوبِكُمْ وَإِن تُطِيعُوا۟ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَٰلِكُمْ شَيْـًٔا إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ۞ 14

އަޢުރާބީން ބުނޫއެވެ. ތިމަންމެން އީމާން ވެއްޖައީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އީމާނެއް ނުވަމުއެވެ. އެހެނެއްކަމަކު، ތިމަންމެން ކިޔަމަންވެއްޖައީމުއޭ ބުނާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގެ ތެރެޔަކަށް އީމާންކަމެއް އަދި ނުވަދެތެވެ. އަދި ތިޔަބައިމީހުން ﷲއަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ޢަމަލުތަކުން (އެބަހީ: އޭގެ ޘަވާބުން) ތިޔަބައިމީހުންނަކަށް އެއްވެސް އެއްޗެއް އުނި ނުކުރައްވާހުށްޓެވެ. ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ ۞ 15

މުއުމިނުން ކަމުގައިވާކަން ކަށަވަރީ، ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވެ، ދެން (އެ އީމާންކަމާމެދު) ޝައްކު ނުކުރާ މީހުންނެވެ. އަދި އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ﷲގެ މަގުގައި ޖިހާދު ކުރިމީހުންނެވެ. އެއުރެންނީ، ހަމަ ތެދުވެރިންނެވެ.

قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ ۞ 16

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންތިބީ ކޮން ދީނެއްގައިކަން ﷲއަށް ތިޔަބައިމީހުން އަންގައިދެނީހެއްޔެވެ؟ އުޑުތަކުގައްޔާއި، ބިމުގައިވާހާކަމެއް ﷲ ދެނެވޮޑިގެންވެތެވެ. އަދި ﷲއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا۟ قُل لَّا تَمُنُّوا۟ عَلَىَّ إِسْلَٰمَكُم بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَٰنِ إِن كُنتُمْ صَٰدِقِينَ ۞ 17

އެއުރެން އިސްލާމް ވީކަމަށް ކަލޭގެފާނަށް އެއުރެން ކަލަގޮވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އިސްލާމް ވީކަމަށްޓަކައި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކަލަނުގޮވާށެވެ! އަދި ކިއެއްތަ! ތިޔަބައިމީހުންނަށް އީމާންކަމަށް މަގުދެއްކެވިކަމަށްޓަކައި ﷲ، ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންވެތެވެ. (އެއީ) ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމައެވެ.

إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱللَّهُ بَصِيرٌۢ بِمَا تَعْمَلُونَ ۞ 18

ހަމަކަށަވަރުން، އުޑުތަކާއި، ބިމުގެ ޣައިބު ދެނެވޮޑިގެންވަނީ، ﷲއެވެ. އަދި ﷲ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ބައްލަވާވޮޑިގެންވެތެވެ.