AFIRIN Learn • Practice • Succeed
QURAN READER · 41 OF 114

Fussilat

54 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ حمٓ ۞ 1

ح م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.)

تَنزِيلٌ مِّنَ ٱلرَّحْمَٰنِ ٱلرَّحِيمِ ۞ 2

މިއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ.

كِتَٰبٌ فُصِّلَتْ ءَايَٰتُهُۥ قُرْءَانًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ ۞ 3

އެފޮތުގެ އާޔަތްތައް ތަފްޞީލު ކޮށްދެއްވާފައިވާ ފޮތެކެވެ. ޢަރަބި ބަހުންވާ ޤުރްއާނެއްގެ ގޮތުގައެވެ. (އެއީ އެކަން) ދަންނަ ބަޔަކަށްޓަކައެވެ.

بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ ۞ 4

އުފާވެރިކަމުގެ ޚަބަރު ދޭ، އަދި ބިރުވެރިކަމުގެ ޚަބަރު ދޭ ފޮތެއްކަމުގައެވެ. ފަހެ، އެއުރެންކުރެ ގިނަމީހުން ފުރަގަސްދީ އެނބުރިގަތޫއެވެ. ފަހެ، އެއުރެން އަޑެއް ނާހަތެވެ.

وَقَالُوا۟ قُلُوبُنَا فِىٓ أَكِنَّةٍ مِّمَّا تَدْعُونَآ إِلَيْهِ وَفِىٓ ءَاذَانِنَا وَقْرٌ وَمِنۢ بَيْنِنَا وَبَيْنِكَ حِجَابٌ فَٱعْمَلْ إِنَّنَا عَٰمِلُونَ ۞ 5

އަދި އެއުރެން ބުނޫއެވެ. ތިމަންމެންގެ ހިތްތައްވަނީ، ކަލޭގެފާނު ތިޔަ ގޮވައިލައްވާ އެއްޗަކަށް ބަންދުކަމެއްގައެވެ. އަދި ތިމަންމެންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި ތިމަންމެންނާއި، ކަލޭގެފާނާ ދެމެދުގައި ފަރުދާއެއްވެއެވެ. ފަހެ (ކަލޭގެފާނުގެ ގޮތުގައި) ކަލޭގެފާނު މަސައްކަތްކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް (ތިމަންމެންގެ ގޮތުގައި) މަސައްކަތް ކުރާނޫއެވެ.

قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَٱسْتَقِيمُوٓا۟ إِلَيْهِ وَٱسْتَغْفِرُوهُ وَوَيْلٌ لِّلْمُشْرِكِينَ ۞ 6

ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ އާދަމުގެދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވަވަނީ، ތިޔަބައިމީހުންގެ އިލާހަކީ، އެއް އިލާހެއްކަމުގައެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް ސީދާވާށެވެ! އަދި ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! އަދި ޝަރީކު ކުރާ މީހުންނަށް ހަލާކުހުށްޓެވެ.

ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ كَٰفِرُونَ ۞ 7

އެއުރެންނީ ޒަކާތް ނުދޭ މީހުންނެވެ. އަދި އެއުރެންނީ (ހަމަ) އާޚިރަތް ދުވަހަށް ކާފިރުވާ މީހުންނެވެ.

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ ۞ 8

ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ.

قُلْ أَئِنَّكُمْ لَتَكْفُرُونَ بِٱلَّذِى خَلَقَ ٱلْأَرْضَ فِى يَوْمَيْنِ وَتَجْعَلُونَ لَهُۥٓ أَندَادًا ذَٰلِكَ رَبُّ ٱلْعَٰلَمِينَ ۞ 9

ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ދެދުވަހުގެ ތެރޭގައި، ބިން ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރުވެ، އަދި އެކަލާނގެއަށް ތިޔަބައިމީހުން ޝަރީކުންތަކެއް ލަނީހެއްޔެވެ؟ އެކަލާނގެއީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެއެވެ.

وَجَعَلَ فِيهَا رَوَٰسِىَ مِن فَوْقِهَا وَبَٰرَكَ فِيهَا وَقَدَّرَ فِيهَآ أَقْوَٰتَهَا فِىٓ أَرْبَعَةِ أَيَّامٍ سَوَآءً لِّلسَّآئِلِينَ ۞ 10

އަދި އެކަލާނގެ، ފުރިހަމަ ހަތަރު ދުވަހުގެ ތެރޭގައި، އެ ބިމުގެ މަތީގައި އުފުލިފައިވާ، ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި އެ ބިމުގައި ބަރަކާތްލައްވައި، އަދި އެ ބިމުގައި ވާހާތަކެތީގެ ރިޒްޤު މިންވަރުކުރެއްވިއެވެ. (އެއީ) ސުއާލު ކުރާ މީހުންނަށްޓަކައެވެ.

ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ وَهِىَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ٱئْتِيَا طَوْعًا أَوْ كَرْهًا قَالَتَآ أَتَيْنَا طَآئِعِينَ ۞ 11

ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ، އެކަލާނގެ އެ އުޑަށާއި، ބިމަށް ވަޙީ ކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ.

فَقَضَىٰهُنَّ سَبْعَ سَمَٰوَاتٍ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَحِفْظًا ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ ۞ 12

ފަހެ، ދެދުވަހުގެ ތެރޭގައި އެކަލާނގެ ހަތް އުޑު ހެއްދެވިއެވެ. އަދި ކޮންމެ އުޑަކަށް، އެ އުޑެއްގެ ކަންތައް (ތަދްބީރު ކުރައްވައި) އެންގެވިއެވެ. އަދި ބައްތިތަކަކުން ތިމަންރަސްކަލާނގެ އެންމެ ކައިރި އުޑު ޒީނަތްތެރިކުރައްވައި، އަދި އެ އުޑު ރައްކާތެރި ކުރެއްވީމެވެ. އެއީ ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ގޮތެވެ.

فَإِنْ أَعْرَضُوا۟ فَقُلْ أَنذَرْتُكُمْ صَٰعِقَةً مِّثْلَ صَٰعِقَةِ عَادٍ وَثَمُودَ ۞ 13

ފަހެ، އެއުރެން ފުރަގަސްދީ އެނބުރިގެންފިނަމަ، ފަހެ، ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވާށެވެ! ޢާދު ބާގައިމީހުންނާއި ޘަމޫދު ބާގައިމީހުންނަށް އައި ހޮނުގުގުރީގެ ޢަޛާބު ފަދަ ޢަޛާބެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް އިންޛާރު ކުރައްވަމެވެ.

إِذْ جَآءَتْهُمُ ٱلرُّسُلُ مِنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ قَالُوا۟ لَوْ شَآءَ رَبُّنَا لَأَنزَلَ مَلَٰٓئِكَةً فَإِنَّا بِمَآ أُرْسِلْتُم بِهِۦ كَٰفِرُونَ ۞ 14

އެއުރެންގެގާތަށް، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ފަހަތުން ރަސޫލުން ވަޑައިގެން ﷲއަށް މެނުވީ އަޅުކަން ނުކުރުމަށް އެންގެވިހިނދު، އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ (ރަސޫލުން ފޮނުއްވެވުމަށް) އިރާދަކުރެއްވިނަމަ، ފޮނުއްވީހީ މަލާއިކަތުންނެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބޭކަލުން އެކަންތަކާއިގެން ފޮނުއްވެވި ކަންތަކަށް، ތިމަންމެން ކާފިރު ވަމުއެވެ.

فَأَمَّا عَادٌ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَقَالُوا۟ مَنْ أَشَدُّ مِنَّا قُوَّةً أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً وَكَانُوا۟ بِـَٔايَٰتِنَا يَجْحَدُونَ ۞ 15

ފަހެ، ޢާދު ބާގައިމީހުން ދަންނާށެވެ! އެއުރެން ޙައްޤަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެއުރެން ހެއްދެވި ﷲ، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫއެވެ.

فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِىٓ أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَلَعَذَابُ ٱلْـَٔاخِرَةِ أَخْزَىٰ وَهُمْ لَا يُنصَرُونَ ۞ 16

ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ސުންޕާދުވަސްތަކެއްގައި، ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ފޮނުއްވީމެވެ. ދުނިޔޭގެ ޙާޔާތުގައި ނިކަމެތިކަމުގެ ޢަޛާބުގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްކެވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އާޚިރަތުގެ ޢަޛާބުގެ ނިކަމެތިކަން މާބޮޑެވެ. އަދި އެއުރެންނަކަށް ނަޞްރެއް ނުލިބޭނެތެވެ.

وَأَمَّا ثَمُودُ فَهَدَيْنَٰهُمْ فَٱسْتَحَبُّوا۟ ٱلْعَمَىٰ عَلَى ٱلْهُدَىٰ فَأَخَذَتْهُمْ صَٰعِقَةُ ٱلْعَذَابِ ٱلْهُونِ بِمَا كَانُوا۟ يَكْسِبُونَ ۞ 17

އަދި ޘަމޫދު ބާގައިމީހުން ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެއުރެންނަށް ތެދުމަގު ދެއްކެވީމެވެ. ފަހެ، އެއުރެން ތެދުމަގު ލިބުމުގެ ބަދަލުގައި، ކަނުކަން (އެބަހީ: މަގު ފުރެދުން) އިޚްތިޔާރު ކުރޫއެވެ. އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން، އިހާނަތްތެރި ޢަޛާބުގެ ހޮނުގުގުރި އެއުރެންގައި ހިފިއެވެ.

وَنَجَّيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ۞ 18

އަދި އީމާންވެ، ތަޤްވާވެރިވާކަމުގައިވިމީހުން، ތިމަންރަސްކަލާނގެ ސަލާމަތް ކުރެއްވީމެވެ.

وَيَوْمَ يُحْشَرُ أَعْدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمْ يُوزَعُونَ ۞ 19

އަދި ﷲގެ ޢަދުއްވުން އެންމެން އެކުގައި ނަރަކަޔަށް އެއްކުރައްވާދުވަސް ހަނދުމަކުރާށެވެ!

حَتَّىٰٓ إِذَا مَا جَآءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَٰرُهُمْ وَجُلُودُهُم بِمَا كَانُوا۟ يَعْمَلُونَ ۞ 20

އެ ނަރަކަޔަށް އެއުރެން ޙާޟިރު ވެއްޖައުމަށް ދާނދެނެވެ. އެހިނދު އެއުރެންގެ ކަންފަތާއި، އެއުރެންގެ ލޯތަކާއި، އެއުރެންގެ ހަންތައް، އެއުރެން ކޮށްއުޅުނު ޢަމަލުތަކަށް ހެކިދޭނެތެވެ.

وَقَالُوا۟ لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا قَالُوٓا۟ أَنطَقَنَا ٱللَّهُ ٱلَّذِىٓ أَنطَقَ كُلَّ شَىْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ ۞ 21

އަދި އެއުރެންގެ ހަންތަކަށް އެއުރެން ބުނާނެތެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ އެތަކެތި ބުނާނެތެވެ. ކޮންމެ އެއްޗަކަށްވެސް ބަސްމޮށުންދެއްވި ﷲ، ތިމަންމެންނަށް ބަސްމޮށުންދެއްވީއެވެ. އަދި އެކަލާނގެއީ، ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި ރުޖޫޢަ ކުރައްވާހުށީ އެކަލާނގެ ޙަޟްރަތަށެވެ.

وَمَا كُنتُمْ تَسْتَتِرُونَ أَن يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَآ أَبْصَٰرُكُمْ وَلَا جُلُودُكُمْ وَلَٰكِن ظَنَنتُمْ أَنَّ ٱللَّهَ لَا يَعْلَمُ كَثِيرًا مِّمَّا تَعْمَلُونَ ۞ 22

ތިޔަބައިމީހުންގެ ކަންފަތާއި، ތިޔަބައިމީހުންގެ ލޯތަކާއި، ތިޔަބައިމީހުންގެ ހަންތައް، ތިޔަބައިމީހުންގެ މައްޗަށް ހެކިދީފާނެކަމަށް ތިޔަބައިމީހުން (އެއްވެސްކަމެއް) ވަންހަނާކޮށެއް ނޫޅެމުއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންހީކުރީ، ތިޔަބައިމީހުން ކޮށްއުޅޭ ޢަމަލުތަކުން ގިނަކަންތައް ﷲ ދެނެވޮޑިގެންނުވާނޭ ކަމަށެވެ.

وَذَٰلِكُمْ ظَنُّكُمُ ٱلَّذِى ظَنَنتُم بِرَبِّكُمْ أَرْدَىٰكُمْ فَأَصْبَحْتُم مِّنَ ٱلْخَٰسِرِينَ ۞ 23

އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާމެދު ތިޔަބައިމީހުން ހީކުރި ހީކުރުމެވެ. އެ ހީކުރުން ތިޔަބައިމީހުން ހަލާކުކޮށްލައިފިއެވެ. އަދި ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވެއްޖައީމުއެވެ.

فَإِن يَصْبِرُوا۟ فَٱلنَّارُ مَثْوًى لَّهُمْ وَإِن يَسْتَعْتِبُوا۟ فَمَا هُم مِّنَ ٱلْمُعْتَبِينَ ۞ 24

ފަހެ، އެއުރެން ކެތްކުރާނަމަވެސް، އެއުރެން ތިބެނިވިތަނަކީ، ނަރަކަޔެވެ. އެއުރެން ޢުޛުރު ދެއްކުމަށް އެދޭނަމަ، ފަހެ ޢުޛުރު ޤަބޫލު ކުރައްވާނެ މީހުންގެ ތެރެޔަކުން އެއުރެން ނުވެތެވެ.

وَقَيَّضْنَا لَهُمْ قُرَنَآءَ فَزَيَّنُوا۟ لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ إِنَّهُمْ كَانُوا۟ خَٰسِرِينَ ۞ 25

އަދި ތިމަންރަސްކަލާނގެ އެއުރެންނަށް އެކުވެރިންތަކެއް ލެއްވީމެވެ. ފަހެ، އެ އެކުވެރިން އެއުރެންނަށް، އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައް ޒީނަތްތެރިކޮށްދިނެވެ. އަދި އެއުރެންގެކުރިން އިސްވެ ގޮސްފައިވާ (ފުރެދުނު) ޖިންނީންނާއި، އިންސީންގެ އުއްމަތްތަކުގެ ތެރޭގައި އެއުރެންގެ މައްޗަށް ޢަޛާބުގެ ބަސްފުޅު ޙައްޤު ވެއްޖެއެވެ. ހަމަކަށަވަރުން، އެއުރެންވީ ގެއްލެނިވިގެންވާ މީހުން ކަމުގައެވެ.

وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَسْمَعُوا۟ لِهَٰذَا ٱلْقُرْءَانِ وَٱلْغَوْا۟ فِيهِ لَعَلَّكُمْ تَغْلِبُونَ ۞ 26

ކާފިރު ވިމީހުން ބުނޫއެވެ. ތިޔަބައިމީހުން މި ޤުރްއާން އަޑުނާހާށެވެ! (އަދި ޤުރްއާން ކިޔެވޭހިނދު) ތިޔަބައިމީހުން އަޑުގަދަކުރާށެވެ! އެއީ ތިޔަބައިމީހުންނަށް ގަދަވެގަނެވޭތޯއެވެ!

فَلَنُذِيقَنَّ ٱلَّذِينَ كَفَرُوا۟ عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ ٱلَّذِى كَانُوا۟ يَعْمَلُونَ ۞ 27

ފަހެ، ހަމަކަށަވަރުން، ކާފިރު ވިމީހުންނަށް ތިމަންރަސްކަލާނގެ ގަދަވެގެންވާ ޢަޛާބުގެ ރަހަ ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ކޮށްއުޅުނު ނުބައި ޢަމަލުތަކަށް ޖަޒާ ދެއްވާހުށީމެވެ.

ذَٰلِكَ جَزَآءُ أَعْدَآءِ ٱللَّهِ ٱلنَّارُ لَهُمْ فِيهَا دَارُ ٱلْخُلْدِ جَزَآءًۢ بِمَا كَانُوا۟ بِـَٔايَٰتِنَا يَجْحَدُونَ ۞ 28

އެއީ ﷲގެ ޢަދާވަތްތެރިންގެ ޖަޒާއެވެ. (އެއީ) ނަރަކަޔެވެ. އެތާނގައި އެއުރެންނަށް ދެމިތިބެނިވި ގޮވައްޗެއްވެއެވެ. ތިމަންރަސްކަލާނގެ އާޔަތްތަކަށް އެއުރެން ދެކޮޅުހަދައި އުޅުނުކަމުގެ ޖަޒާއެއްގެގޮތުގައެވެ.

وَقَالَ ٱلَّذِينَ كَفَرُوا۟ رَبَّنَآ أَرِنَا ٱلَّذَيْنِ أَضَلَّانَا مِنَ ٱلْجِنِّ وَٱلْإِنسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنَ ٱلْأَسْفَلِينَ ۞ 29

ކާފިރު ވިމީހުން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ޖިންނީންނާއި، އިންސީންގެ ތެރެއިން އަޅަމެން މަގުފުރެއްދި ދެބައިމީހުން އަޅަމެންނަށް ދައްކަވާނދޭވެ! އެ ދެބައިމީހުން އަޅަމެންގެ ފައިތިލަތަކުގެ ދަށަށް ލާހުށީމެވެ. (އެއީ) އެ ދެބައިމީހުން (ޢަޛާބުގެ) އެންމެއަޑީގައި ވުމަށްޓަކައެވެ.

إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ ۞ 30

ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ ﷲއޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!

نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ وَلَكُمْ فِيهَا مَا تَشْتَهِىٓ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ۞ 31

ތިމަންބޭކަލުންނީ ދުނިޔޭގެ ޙާޔާތުގައްޔާއި، އާޚިރަތުގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ ނަފްސުތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ.

نُزُلًا مِّنْ غَفُورٍ رَّحِيمٍ ۞ 32

ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ.

وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحًا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ ۞ 33

ﷲގެ ޙަޟްރަތަށް (އައުމަށް) ގޮވާލައި، އަދި ޞާލިޙު ޢަމަލު ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (ﷲއަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟

وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ ۞ 34

ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވަތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ.

وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ ۞ 35

އަދި ކެތްތެރިވި މީހުންނަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ.

وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ۞ 36

އަދި ހަމަކަށަވަރުން، ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއްއައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، ﷲގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްއައްސަވާވޮޑިގެންވާ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَمِنْ ءَايَٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ ۞ 37

ރޭގަނޑާއި ދުވާލާއި، އިރާއި، ހަނދަކީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާތަކެއްޗެވެ. ތިޔަބައިމީހުން އިރަށާއި، ހަނދަށް ސަޖިދަ ނުކުރާށެވެ! އަދި އެތަކެތި ހެއްދެވި ﷲއަށް ސަޖިދަ ކުރާށެވެ! (އެއީ) ހަމައެކަނި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައިވާނަމައެވެ.

فَإِنِ ٱسْتَكْبَرُوا۟ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيْلِ وَٱلنَّهَارِ وَهُمْ لَا يَسْـَٔمُونَ ۞ 38

ފަހެ، އެއުރެން (ﷲއަށް ސަޖިދަ ކުރުމަށް) ބޮޑާވެގެންފިނަމަ، ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައިވާ މަލާއިކަތުން އެކަލާނގެއަށް ރެޔާއިދުވާލު ތަސްބީޙަ ދަންނަވަތެވެ. އަދި އެބޭކަލުން އެކަމަކަށް ފޫހިފުޅެއްނުވެތެވެ.

وَمِنْ ءَايَٰتِهِۦٓ أَنَّكَ تَرَى ٱلْأَرْضَ خَٰشِعَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ إِنَّ ٱلَّذِىٓ أَحْيَاهَا لَمُحْىِ ٱلْمَوْتَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ۞ 39

ގަހެއްނެތި ހިކިފައިވާ ބިން، ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެބިމުގެ ގަސްތަކުގެ ޙަރަކާތް ފެށި، ގަސްތައް އިތުރުވެއެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެ ބިންގަނޑު ދިރުއްވި ރަސްކަލާނގެއީ، މަރުވެފައިވާ ތަކެތި ދިރުއްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

إِنَّ ٱلَّذِينَ يُلْحِدُونَ فِىٓ ءَايَٰتِنَا لَا يَخْفَوْنَ عَلَيْنَآ أَفَمَن يُلْقَىٰ فِى ٱلنَّارِ خَيْرٌ أَم مَّن يَأْتِىٓ ءَامِنًا يَوْمَ ٱلْقِيَٰمَةِ ٱعْمَلُوا۟ مَا شِئْتُمْ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ ۞ 40

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކާމެދުގައި ދެކޮޅުހަދައި، އެއްކިބާވާމީހުން ތިމަންރަސްކަލާނގެއަށް ވަންހަނާވެގެންނެއްނުވެތެވެ. ފަހެ، ހެޔޮކަންބޮޑީ ނަރަކަޔަށް އެއްލައިލެވޭ މީހާހެއްޔެވެ؟ ނުވަތަ ޤިޔާމަތް ދުވަހު އަމާންކަމާއެކުގައި އަންނަމީހާ ހެއްޔެވެ؟ ތިޔަބައިމީހުން އެދޭކަމެއްކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

إِنَّ ٱلَّذِينَ كَفَرُوا۟ بِٱلذِّكْرِ لَمَّا جَآءَهُمْ وَإِنَّهُۥ لَكِتَٰبٌ عَزِيزٌ ۞ 41

ހަމަކަށަވަރުން، އެއުރެންގެގާތަށް ޤުރްއާން އައިހިނދު، އެ ޤުރްއާނަށް ކާފިރު ވިމީހުންނަށް (ގަދަވެގެންވާ ޢަޛާބު ހުށްޓެވެ.) ހަމަކަށަވަރުން، އެއީ ބާރުގަދަ ފޮތެއްކަން ކަށަވަރެވެ.

لَّا يَأْتِيهِ ٱلْبَٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ ۞ 42

އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެފޮތަކަށް ބާޠިލުކަމެއް ނާންނާނެތެވެ. (އެއީ) ޙަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތަރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ.

مَّا يُقَالُ لَكَ إِلَّا مَا قَدْ قِيلَ لِلرُّسُلِ مِن قَبْلِكَ إِنَّ رَبَّكَ لَذُو مَغْفِرَةٍ وَذُو عِقَابٍ أَلِيمٍ ۞ 43

ކަލޭގެފާނުގެ ކުރިންފޮނުއްވި ރަސޫލުންނަށްވެސް ދެންނެވުނު ބަސްތަކެއްމެނުވީ، ކަލޭގެފާނަކަށް ނުދެންނެވެތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުމުގެ ވެރި، އަދި ވޭންދެނިވި ޢަޛާބު ދެއްވުމުގެ ވެރިރަސްކަލާނގެކަން ކަށަވަރެވެ.

وَلَوْ جَعَلْنَٰهُ قُرْءَانًا أَعْجَمِيًّا لَّقَالُوا۟ لَوْلَا فُصِّلَتْ ءَايَٰتُهُۥٓ ءَا۬عْجَمِىٌّ وَعَرَبِىٌّ قُلْ هُوَ لِلَّذِينَ ءَامَنُوا۟ هُدًى وَشِفَآءٌ وَٱلَّذِينَ لَا يُؤْمِنُونَ فِىٓ ءَاذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى أُو۟لَٰٓئِكَ يُنَادَوْنَ مِن مَّكَانٍۭ بَعِيدٍ ۞ 44

ތިމަންރަސްކަލާނގެ ޢަރަބި ނޫން ބަހަކުން ޤުރްއާނެއް ބާވައިލެއްވިނަމަ، އެއުރެން ބުނީހެވެ. (ޢަރަބި ބަހުން) އެ ފޮތުގެ އާޔަތްތައް ތަފްޞީލު ކުރައްވާފައިވާނަމަ، ކިހާރަނގަޅު ހެއްޔެވެ؟ އެފޮތް ޢަރަބި ނޫން ބަހަކުން އޮވެފައި، އެ ފޮތް ބާވައިލެއްވީ، ޢަރަބީއަކަށް ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ، އީމާންވި މީހުންނަށްވާ ތެދުމަގެކެވެ. އަދި ޝިފާއެއްވެސްމެއެވެ. އަދި އީމާން ނުވާމީހުންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި އެ ފޮތަކީ، އެއުރެންގެ މައްޗަށްވާ ކަނުކަމެކެވެ. އެއުރެން ދުރުތަނަކުން ގޮވައިލެވޭ ބަޔެއްފަދައެވެ.

وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ فَٱخْتُلِفَ فِيهِ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ ۞ 45

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މޫސާގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެ ފޮތާމެދު ޚިލާފު ވެވުނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އިސްވެދިޔަ ބަސްފުޅެއް ނުވާނަމަ، އެއުރެންގެ މެދުގައި ނިޔާކުރެއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެއުރެންވަނީ އެކަމާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ، ޝައްކެއްގައިކަން ކަށަވަރެވެ.

مَّنْ عَمِلَ صَٰلِحًا فَلِنَفْسِهِۦ وَمَنْ أَسَآءَ فَعَلَيْهَا وَمَا رَبُّكَ بِظَلَّٰمٍ لِّلْعَبِيدِ ۞ 46

ޞާލިޙު ޢަމަލެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ ނަފްސަށެވެ. އަދި ނުބައި ޢަމަލެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ ނަފްސުގެ މައްޗަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ.

إِلَيْهِ يُرَدُّ عِلْمُ ٱلسَّاعَةِ وَمَا تَخْرُجُ مِن ثَمَرَٰتٍ مِّنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَآءِى قَالُوٓا۟ ءَاذَنَّٰكَ مَا مِنَّا مِن شَهِيدٍ ۞ 47

ޤިޔާމަތް ދުވަސް އައުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ ދެނެވޮޑިގަތުމާ އެކުގައިމެނުވީ، އެއްވެސް މޭވާއެއް އޭގެ ބޮށިގަނޑަކުން ނުނިކުންނާނެތެވެ. އަދި އަންހެނަކު މާބަނޑެއް ނުވާނެތެވެ. އަދި ނުވެސް ވިހާނެތެވެ. އަދި ތިމަންރަސްކަލާނގެއަށް ޝަރީކު ކުރިމީހުން ކޮބައިހޭ އެކަލާނގެ ގޮވައިލައްވައި ވަޙީ ކުރައްވާ ދުވަހު، އެއުރެން ބުނާނެތެވެ. (އިބަރަސްކަލާނގެއަށް ޝަރީކަކުވާކަމަށް) ހެކިވާ ހަމައެކަކުވެސް، ތިމަންމެންގެ ތެރޭގައި ނުވާކަމަށް އިބަރަސްކަލާނގެއަށް ތިމަންމެން މިދެންނެވީއެވެ.

وَضَلَّ عَنْهُم مَّا كَانُوا۟ يَدْعُونَ مِن قَبْلُ وَظَنُّوا۟ مَا لَهُم مِّن مَّحِيصٍ ۞ 48

އަދި މީގެކުރިން އެއުރެން ދުޢާ ކޮށް، އަޅުކަންކޮށްއުޅުނު ތަކެތި އެއުރެންގެކިބައިން ގެއްލިހިނގައްޖެއެވެ. އަދި (ޢަޛާބުން) އެއުރެން ފިލަންދާނެތަނެއް ނެތްކަން، އެއުރެންނަށް ޔަޤީން ވެއްޖެއެވެ.

لَّا يَسْـَٔمُ ٱلْإِنسَٰنُ مِن دُعَآءِ ٱلْخَيْرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٌ قَنُوطٌ ۞ 49

ހެޔޮކަންތަކަށް ދުޢާ ކުރުމަކަށް އިންސާނާ ފޫއްސެއް ނުވާނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، އުންމީދުކެނޑި، ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެތެވެ.

وَلَئِنْ أَذَقْنَٰهُ رَحْمَةً مِّنَّا مِنۢ بَعْدِ ضَرَّآءَ مَسَّتْهُ لَيَقُولَنَّ هَٰذَا لِى وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّجِعْتُ إِلَىٰ رَبِّىٓ إِنَّ لِى عِندَهُۥ لَلْحُسْنَىٰ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُوا۟ بِمَا عَمِلُوا۟ وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍ ۞ 50

އަދި ހަމަކަށަވަރުން، އެ އިންސާނާއަށް ދަތި ޙާލެއް ޖެހިއްޖައުމަށްފަހު، ތިމަންރަސްކަލާނގެ ޙަޟްރަތުން ރަޙްމަތެއްގެ ރަހަ އޭނާއަށް ދައްކަވައިފިނަމަ، މިއީ ތިމަންނާއަށްހުރި ތަކެއްޗޭ ބުނާނެކަން ކަށަވަރެވެ. އަދި ޤިޔާމަތް ވާނެކަމަކަށް ތިމަންނާ ހީއެއްނުކުރަމެވެ. އަދި ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ތިމަން ރުޖޫޢަ ކުރެއްވިއަސް ހަމަކަށަވަރުން އެކަލާނގެ ޙަޟްރަތުގައި ތިމަންނައަށްހުރީ ހެޔޮކަމެވެ. ފަހެ، ހަމަކަށަވަރުން، ކާފިރު ވިމީހުންނަށް ތިމަންރަސްކަލާނގެ އެއުރެންކުރި ޢަމަލުތަކުގެ ޚަބަރު އަންގަވާހުށީމެވެ. އަދި ހަމަކަށަވަރުން، ގަދަފަދަވެގެންވާ ޢަޛާބަކުން އެއުރެންނަށް ތިމަންރަސްކަލާނގެ ޢަޛާބުގެ ރަހަ ދައްކަވާހުށީމެވެ.

وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٍ ۞ 51

އަދި އިންސާނާއަށް ތިމަންރަސްކަލާނގެ ނިޢުމަތް ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް، ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، ދުޢާ ކުރުން ގިނަމީހަކަށް އޭނާ ވެދެތެވެ.

قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ ثُمَّ كَفَرْتُم بِهِۦ مَنْ أَضَلُّ مِمَّنْ هُوَ فِى شِقَاقٍۭ بَعِيدٍ ۞ 52

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަންބުނެބަލާށެވެ! ﷲގެ ޙަޟްރަތުންއައި އެއްޗެއްކަމަށް އެ (ޤުރްއާން) ވެފައި، ދެން ތިޔަބައިމީހުން އެއަށް ކާފިރު ވެއްޖެނަމަ (ތިޔަބައިމީހުންގެ ޙާލު ވާނީ ކޮންފަދައަކުން ހެއްޔެވެ؟ ޙައްޤާ) ދުރުވެގެންވާ، ދެކޮޅުވެރިކަމެއްގައިވާ މީހަކަށްވުރެ ފުރެދުންބޮޑީ ކާކުހެއްޔެވެ؟

سَنُرِيهِمْ ءَايَٰتِنَا فِى ٱلْـَٔافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍ شَهِيدٌ ۞ 53

އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ ނަފްސުތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ ޙައްޤު ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟

أَلَآ إِنَّهُمْ فِى مِرْيَةٍ مِّن لِّقَآءِ رَبِّهِمْ أَلَآ إِنَّهُۥ بِكُلِّ شَىْءٍ مُّحِيطٌۢ ۞ 54

ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެ ކަމާމެދު އެއުރެންވަނީ ޝައްކުކަމެއްގައެވެ. ދަންނާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.