AFIRIN Learn • Practice • Succeed
QURAN READER · 20 OF 114

Ta-Ha

135 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ طه ۞ 1

ط هـ (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲއެވެ.)

مَآ أَنزَلْنَا عَلَيْكَ ٱلْقُرْءَانَ لِتَشْقَىٰٓ ۞ 2

ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް މި ޤުރްއާން ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ.

إِلَّا تَذْكِرَةً لِّمَن يَخْشَىٰ ۞ 3

(ﷲއަށް) ބިރުވެތިވާ މީހަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ (ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައެއް ނުލައްވަމެވެ.)

تَنزِيلًا مِّمَّنْ خَلَقَ ٱلْأَرْضَ وَٱلسَّمَٰوَٰتِ ٱلْعُلَى ۞ 4

ބިމާއި، އުސްވެގެންވާ އުޑުތައް ހެއްދެވި ރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ވަޙީއެކެވެ.

ٱلرَّحْمَٰنُ عَلَى ٱلْعَرْشِ ٱسْتَوَىٰ ۞ 5

ރަޙްމާންވަންތަ ރަސްކަލާނގެ، ޢަރްޝުގެ މައްޗަށް އިސްތިވާވެ ވޮޑިގެންވިއެވެ.

لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ ٱلثَّرَىٰ ۞ 6

އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާ ތަކެއްޗާއި، އެދެމެދުގައިވާހާ ތަކެއްޗާއި، ފަސްގަނޑު ދަށުގައިވާހާ ތަކެއްޗެއް، މިލްކުވެގެންވަނީ އެކަލާނގެއަށެވެ.

وَإِن تَجْهَرْ بِٱلْقَوْلِ فَإِنَّهُۥ يَعْلَمُ ٱلسِّرَّ وَأَخْفَى ۞ 7

ކަލޭގެފާނު އަޑުހަރުކޮށް ބަސް ވިދާޅުވިޔަސް، ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ސިއްރާއި އެއަށްވުރެ ވަންހަނާ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

ٱللَّهُ لَآ إِلَٰهَ إِلَّا هُوَ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۞ 8

ﷲއީ، އެކަލާނގެ ފިޔަވައި ޙައްޤު ވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެންމެ ރިވެތި އިސްމުފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ.

وَهَلْ أَتَىٰكَ حَدِيثُ مُوسَىٰٓ ۞ 9

މޫސާގެފާނުގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

إِذْ رَءَا نَارًا فَقَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًا لَّعَلِّىٓ ءَاتِيكُم مِّنْهَا بِقَبَسٍ أَوْ أَجِدُ عَلَى ٱلنَّارِ هُدًى ۞ 10

އެކަލޭގެފާނަށް އަލިފާންގަނޑެއް ފެނިވަޑައިގެންނެވިހިނދެވެ. ފަހެ، އެކަލޭގެފާނުގެ އަހުލުވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާނގައި ތިބޭށެވެ! ހަމަކަށަވަރުން، އަހުރެންނަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. (އަހުރެން މިދަނީ) އެތަނުން ތިޔަބައިމީހުންނަށް ހުޅުކޮޅެއް ގެނެސްދެވޭތޯއެވެ. ނުވަތަ އެ އަލިފާންގަނޑުގެ ކައިރިން، އަހުރެންނަށް ކޮންމެވެސް މަގެއް ފެނޭތޯއެވެ.

فَلَمَّآ أَتَىٰهَا نُودِىَ يَٰمُوسَىٰٓ ۞ 11

ފަހެ، އެކަލޭގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު، ނިދާ އިއްވެވިއެވެ. އޭ މޫސާގެފާނެވެ!

إِنِّىٓ أَنَا۠ رَبُّكَ فَٱخْلَعْ نَعْلَيْكَ إِنَّكَ بِٱلْوَادِ ٱلْمُقَدَّسِ طُوًى ۞ 12

ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. ފަހެ، ކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބާލުއްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިޔަހުންނެވީ، ޠުވާއޭ ކިއުނު މުޤައްދަސް ވާދީގައެވެ.

وَأَنَا ٱخْتَرْتُكَ فَٱسْتَمِعْ لِمَا يُوحَىٰٓ ۞ 13

އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނު ޚިޔާރު ކުރައްވައިފީމެވެ. ފަހެ، (ކަލޭގެފާނަށް) އިއްވަވާ ވަޙީއަށް ކަނުލައި އައްސަވާށެވެ!

إِنَّنِىٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ ۞ 14

ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ ﷲއެވެ. ތިމަންރަސްކަލާނގެ މެނުވީ، އިލާހަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު ޤާއިމް ކުރައްވާށެވެ!

إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍۭ بِمَا تَسْعَىٰ ۞ 15

ހަމަކަށަވަރުން، ޤިޔާމަތް ވުމުގެ ވަގުތަކީ، އަންނާނޭ އެއްޗެކެވެ. ތިމަންރަސްކަލާނގެ އެވަގުތު ވަންހަނާ ކުރެއްވުމަށް އިރާދަކުރައްވާފައިވަނީ، ކޮންމެ ނަފްސަކަށްވެސް، އެ ނަފްސެއް ކުޅަ ޢަމަލުގެ ޖަޒާ ލިބުމަށްޓަކައެވެ.

فَلَا يَصُدَّنَّكَ عَنْهَا مَن لَّا يُؤْمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرْدَىٰ ۞ 16

ފަހެ، އެދުވަހަށް އީމާން ނުވެ، އޭނާގެ ހަވާނަފްސަށް ތަބަޢަ ވެއްޖެމީހާ، ހަމަކަށަވަރުން، އެކަމުން (އެބަހީ: ޤިޔާމަތް ދުވަސް ހަނދުމަކުރެއްވުމުން) ކަލޭގެފާނު ދުރުކުރިޔަ ނުދޭހުށިކަމެވެ! އޭރުން ކަލޭގެފާނު ހަލާކުވެދާ ހުށްޓެވެ.

وَمَا تِلْكَ بِيَمِينِكَ يَٰمُوسَىٰ ۞ 17

އޭ މޫސާގެފާނެވެ! ކަލޭގެފާނުގެ ކަނާތްޕުޅުގައި އެވަނީ ކޮންއެއްޗެއްތޯއެވެ؟

قَالَ هِىَ عَصَاىَ أَتَوَكَّؤُا۟ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِى وَلِىَ فِيهَا مَـَٔارِبُ أُخْرَىٰ ۞ 18

އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އަޅުގެ އަސާއެވެ. އޭގެމައްޗަށް މިއަޅާ ބުރަވެ، މިއަޅާގެ ބަކަރިތަކަށް (ކާންދިނުމަށް) އެއިން (ގަސްގަހުގެ) ފަތް ބިންނަމެވެ. އަދި އެހެން ބޭނުންތައްވެސް މިއަޅާއަށް އޭގައިވެއެވެ.

قَالَ أَلْقِهَا يَٰمُوسَىٰ ۞ 19

އެކަލާނގެ ވަޙީ ކުރެއްވިއެވެ. އޭ މޫސާގެފާނެވެ! އެ އަސާ އެއްލަވާށެވެ!

فَأَلْقَىٰهَا فَإِذَا هِىَ حَيَّةٌ تَسْعَىٰ ۞ 20

ފަހެ، އެކަލޭގެފާނު އެ އަސާ އެއްލެވިއެވެ. ދެން އެހާރުން، ދުވެދުވެއޮތް ހަރުފައަކަށް ވެއްޖެއެވެ.

قَالَ خُذْهَا وَلَا تَخَفْ سَنُعِيدُهَا سِيرَتَهَا ٱلْأُولَىٰ ۞ 21

އެކަލާނގެ ވަޙީ ކުރެއްވިއެވެ. ކަލޭގެފާނު އެ އަސާގައި ހިއްޕަވާށެވެ! އަދި ބިރުފުޅުނުގަންނާށެވެ! އެ އަސާ، ކުރިން އޮތްގޮތަށް ތިމަންރަސްކަލާނގެ އިޢާދަ ކުރައްވާހުށީމެވެ.

وَٱضْمُمْ يَدَكَ إِلَىٰ جَنَاحِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ءَايَةً أُخْرَىٰ ۞ 22

އަދި ކަލޭގެފާނުގެ ކިހިލިފަތްޕުޅުދަށަށް ކަލޭގެފާނުގެ އަތްތިލަފުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްނެތި، ހުދުކޮށް (ވިދަވިދައި އޮންނަގޮތުގައި) އެ އަތްތިލަފުޅު ނުކުންނާނެއެވެ. (އެއީ) އެހެން މުޢުޖިޒާތެއްގެ ގޮތުގައެވެ.

لِنُرِيَكَ مِنْ ءَايَٰتِنَا ٱلْكُبْرَى ۞ 23

ތިމަންރަސްކަލާނގެ ބޮޑެތި މުޢުޖިޒާތްތަކުގެ ތެރެއިން ބައެއް، ކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ.

ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ۞ 24

ފިރްޢައުނުގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ.

قَالَ رَبِّ ٱشْرَحْ لِى صَدْرِى ۞ 25

އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ!

وَيَسِّرْ لِىٓ أَمْرِى ۞ 26

އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ!

وَٱحْلُلْ عُقْدَةً مِّن لِّسَانِى ۞ 27

އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ! (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ!)

يَفْقَهُوا۟ قَوْلِى ۞ 28

އެއީ ތިމަންކަލޭގެފާނުގެ ބަސް އެއުރެންނަށް ވިސްނި، އެނގުމަށްޓަކައެވެ.

وَٱجْعَل لِّى وَزِيرًا مِّنْ أَهْلِى ۞ 29

އަދި ތިމަންކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއިން ވާގިވެރިޔަކު ތިމަންކަލޭގެފާނަށް ލައްވާނދޭވެ!

هَٰرُونَ أَخِى ۞ 30

(އެއީ) ތިމަންކަލޭގެފާނުގެ އަޚު ހާރޫނުގެފާނެވެ.

ٱشْدُدْ بِهِۦٓ أَزْرِى ۞ 31

އެކަލޭގެފާނުގެ ސަބަބުން ތިމަންކަލޭގެފާނުގެ ބާރުގަދަ ކުރައްވާނދޭވެ!

وَأَشْرِكْهُ فِىٓ أَمْرِى ۞ 32

އަދި ތިމަންކަލޭގެފާނުގެ ކަންތަކުގައި (އެބަހީ: ރަސޫލުކަމާއި، އެކަން ތަލްބީޣު ކުރެއްވުމުގެ މަސްއޫލިއްޔަތުގައި) އެކަލޭގެފާނު ބައިވެރިކުރައްވާނދޭވެ!

كَىْ نُسَبِّحَكَ كَثِيرًا ۞ 33

އަޅަމެން އިބަރަސްކަލާނގެއަށް ގިނަގިނައިން ތަސްބީޙަ ދެންނެވުމަށްޓަކައެވެ.

وَنَذْكُرَكَ كَثِيرًا ۞ 34

އަދި ގިނަގިނައިން އަޅަމެން އިބަރަސްކަލާނގެ ހަނދުމަކުޅައުމަށްޓަކައެވެ.

إِنَّكَ كُنتَ بِنَا بَصِيرًا ۞ 35

ހަމަކަށަވަރުން، އަޅަމެންނާމެދު މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި އިބަރަސްކަލާނގެ ވޮޑިގެންވަމުއެވެ.

قَالَ قَدْ أُوتِيتَ سُؤْلَكَ يَٰمُوسَىٰ ۞ 36

އެކަލާނގެ ވަޙީ ކުރެއްވިއެވެ. އޭ މޫސާގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާ ކަންތައް ކަލޭގެފާނަށް ދެއްވައިފިއެވެ.

وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَىٰٓ ۞ 37

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް އެހެންފަހަރަކު ދަރުވަމަންތަވެ ވޮޑިގެންވީމެވެ.

إِذْ أَوْحَيْنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ ۞ 38

އިލްހާމް ކުރައްވާ އެއްޗެއް ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މަންމާއަށް އިލްހާމް ކުރެއްވިހިނދެވެ.

أَنِ ٱقْذِفِيهِ فِى ٱلتَّابُوتِ فَٱقْذِفِيهِ فِى ٱلْيَمِّ فَلْيُلْقِهِ ٱلْيَمُّ بِٱلسَّاحِلِ يَأْخُذْهُ عَدُوٌّ لِّى وَعَدُوٌّ لَّهُۥ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّى وَلِتُصْنَعَ عَلَىٰ عَيْنِىٓ ۞ 39

ފޮށީގެ ތެރެޔަށް އެ ދަރިކަލުން ލައްވާށެވެ! އަދި (ނީލަ) ކޯރުގެ ތެރެޔަށް އެ ފޮށި އެއްލައިލައްވާށެވެ! ދެން ކޯރު، އެ ފޮށި، ގޮނޑުދޮށަށް ލައްގުވާނެތެވެ. (އޭރުން) ތިމަންރަސްކަލާނގެ ޢަދުއްވު، އަދި އެ ދަރިކަލުންގެވެސް ޢަދުއްވު އެ ފޮށި ނަގާނެތެވެ. އަދި ކަލޭގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ ޙަޟްރަތުން ލޯބިލެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން ކަލޭގެފާނު ބޮޑުފުޅުވުމަށެވެ.

إِذْ تَمْشِىٓ أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَىٰ مَن يَكْفُلُهُۥ فَرَجَعْنَٰكَ إِلَىٰٓ أُمِّكَ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَقَتَلْتَ نَفْسًا فَنَجَّيْنَٰكَ مِنَ ٱلْغَمِّ وَفَتَنَّٰكَ فُتُونًا فَلَبِثْتَ سِنِينَ فِىٓ أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍ يَٰمُوسَىٰ ۞ 40

ކަލޭގެފާނުގެ އުޚްތު ވަޑައިގެން ވިދާޅުވި ހިނދެވެ. (ކިރުފޮދު އަރުވައި) އެ ދަރިކަލުން ބެލެހެއްޓުމަށް ޙަވާލު ވާނެ މީހަކު، ތިޔަބައިމީހުންނަށް ތިމަންދައްކަން ހެއްޔެވެ؟ ފަހެ، (މިގޮތުން) ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައިކަމަނާގެ އަރިހަށް ކަލޭގެފާނު އަނބުރާ ގެންދެވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން ޙާޞިލު ވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަނުކުރެއްވުމަށްޓަކައެވެ. އަދި ކަލޭގެފާނު މީހަކު ޤަތުލު ކުރެއްވުމުން ލިބިވަޑައިގެންނެވި ހިތާމަފުޅުން ތިމަންރަސްކަލާނގެ ކަލޭގެފާނު މިންޖުކުރެއްވީމެވެ. އަދި ކަލޭގެފާނު ފުރިހަމަޔަށް އިމްތިޙާނު ކުރެއްވީމެވެ. އޭ މޫސާގެފާނެވެ! މަދްޔަނުގެ އަހުލުވެރިންގެ ތެރޭގައި އަހަރުތަކެއް ވަންދެން ކަލޭގެފާނު ހުންނެވީމުއެވެ. ދެން މިންވަރު ކުރައްވާފައިވާ ގޮތުގެމަތިން (މިތަނަށް) ކަލޭގެފާނު ތިޔަވަޑައިގަތީއެވެ.

وَٱصْطَنَعْتُكَ لِنَفْسِى ۞ 41

އަދި ތިމަންރަސްކަލާނގެއަށްޓަކައި (އެބަހީ: ވަޙީއާއި ރިސާލަތު ތަބްލީޣު ކުރެއްވުމަށްޓަކައި) ތިމަންރަސްކަލާނގެ ކަލޭގެފާނު ޚިޔާރު ކުރެއްވީމެވެ.

ٱذْهَبْ أَنتَ وَأَخُوكَ بِـَٔايَٰتِى وَلَا تَنِيَا فِى ذِكْرِى ۞ 42

ތިމަންރަސްކަލާނގެ އާޔަތްތަކާއިގެން ކަލޭގެފާނާއި، ކަލޭގެފާނުގެ އަޚު ވަޑައިގަންނަވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމުގައި، ތިޔަ ދެބޭކަލުން ފަރުވާކުޑަ ނުކުރައްވާށެވެ!

ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ۞ 43

ފިރްޢައުނުގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ.

فَقُولَا لَهُۥ قَوْلًا لَّيِّنًا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ ۞ 44

ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.

قَالَا رَبَّنَآ إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَآ أَوْ أَن يَطْغَىٰ ۞ 45

އެ ދެބޭކަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އޭނާ އަޅަމެންގެ މައްޗަށް (ޢުޤޫބާތް ދިނުމަށް) އަވަސްވެގަނެ، ނުވަތަ އަނިޔާވެރިވެ، ހައްދުފަހަނަޅައި ހިނގައިދާނެކަމަށް، ހަމަކަށަވަރުން، އަޅަމެން ބިރުގަނެތެވެ.

قَالَ لَا تَخَافَآ إِنَّنِى مَعَكُمَآ أَسْمَعُ وَأَرَىٰ ۞ 46

އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަ ދެބޭކަލުން ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން، އަދި ބައްލަވާވޮޑިގެންވާ ޙާލު، ތިޔަ ދެބޭކަލުންނާ އެކުގައި ވޮޑިގެންވަމެވެ.

فَأْتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ وَلَا تُعَذِّبْهُمْ قَدْ جِئْنَٰكَ بِـَٔايَةٍ مِّن رَّبِّكَ وَٱلسَّلَٰمُ عَلَىٰ مَنِ ٱتَّبَعَ ٱلْهُدَىٰٓ ۞ 47

ފަހެ، ތިޔަ ދެބޭކަލުން އޭނާގެ ގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ ކަލޭގެ ވެރިރަސްކަލާނގެ ފޮނުއްވި ދެ ރަސޫލުންނެވެ. ފަހެ، ތިމަންމެންނާ އެކުގައި އިސްރާއީލުގެދަރިން ފޮނުވާށެވެ! އަދި އެއުރެންނަށް ކަލޭ ޢަޛާބު ނުދޭށެވެ! ހަމަކަށަވަރުން، ކަލޭގެގާތަށް ތިމަންމެން މިއައީ، ކަލޭގެ ވެރިރަސްކަލާނގެ ޙަޟްރަތުންވާ، މުޢުޖިޒާއަކާއިގެންނެވެ. ތެދުމަގަށް ތަބަޢަ ވެއްޖެ މީހަކަށް ސަލާމަތްކަން ހުށްޓެވެ.

إِنَّا قَدْ أُوحِىَ إِلَيْنَآ أَنَّ ٱلْعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ ۞ 48

ހަމަކަށަވަރުން (ﷲގެ ރިސާލަތް) ދޮގުކޮށް، އެނބުރި ފުރަގަސްދިން މީހެއްގެ މައްޗަށް، ހަމަކަށަވަރުން، ޢަޛާބު ހުރިކަމަށް ތިމަންމެންނަށް ވަޙީ ކުރައްވާފައިވެއެވެ.

قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ ۞ 49

އޭނާ ބުންޏެވެ. އޭ މޫސާގެފާނެވެ! ތިޔަ ދެބޭކަލުންގެ ވެރިރަސްކަލާނގެއަކީ ފަހެ، ކާކުހެއްޔެވެ؟

قَالَ رَبُّنَا ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ ۞ 50

އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، ޠަބީޢަތް ދެއްވައި، ދެން ތެދުމަގު ދެއްކެވި ރަސްކަލާނގެއެވެ.

قَالَ فَمَا بَالُ ٱلْقُرُونِ ٱلْأُولَىٰ ۞ 51

އޭނާ ބުންޏެވެ. އިހުގެ ޖީލުތަކުގެ ކަންތައް ހުރިގޮތަކީ، ފަހެ، ކޮބައިހެއްޔެވެ؟

قَالَ عِلْمُهَا عِندَ رَبِّى فِى كِتَٰبٍ لَّا يَضِلُّ رَبِّى وَلَا يَنسَى ۞ 52

އެކަލޭގެފާނު ވިދާޅުވިއެވެ. އެކަމުގެ ޢިލްމު ވަނީ، ތިމަންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ލިޔުއްވާފައެވެ. ތިމަންގެ ވެރިރަސްކަލާނގެއަށް އޮޅިވޮޑިއެއް ނުގަންނަވަތެވެ. އަދި އެކަލާނގެ ހަނދުމަނެތިވެވޮޑިއެއްވެސް ނުގަންނަވަތެވެ.

ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَسَلَكَ لَكُمْ فِيهَا سُبُلًا وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦٓ أَزْوَٰجًا مِّن نَّبَاتٍ شَتَّىٰ ۞ 53

އެކަލާނގެއީ، ތިޔަބައިމީހުންނަށް ތަންމައްޗެއްކަމުގައި، ބިންލެއްވި ރަސްކަލާނގެއެވެ. އަދި އެތާނގައި، ތިޔަބައިމީހުންނަށް މަގުތައް ދެއްކެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އުޑުން ފެންވެއްސެވިއެވެ. ދެން އެ ފެނުގެ ސަބަބުން، ތިމަންރަސްކަލާނގެ ފަތްޕިލާވެލީގެ ތަފާތު ބާވަތްތައް ނެރުއްވީމެވެ.

كُلُوا۟ وَٱرْعَوْا۟ أَنْعَٰمَكُمْ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّأُو۟لِى ٱلنُّهَىٰ ۞ 54

ތިޔަބައިމީހުން ކާށެވެ! އަދި ތިޔަބައިމީހުންގެ ނަޢަމް ސޫފިތަކަށް ކާންދީ ހުއިހައްޕާށެވެ! ހަމަކަށަވަރުން، އެކަމުގައި ބުއްދީގެ އަހުލުވެރިންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.

مِنْهَا خَلَقْنَٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ ۞ 55

ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި ތިޔަބައިމީހުން އަނބުރާ އިޢާދަ ކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެވަނަފަހަރަށް ތިޔަބައިމީހުން ނެރުއްވާހުށީވެސް އެ ބިމުންނެވެ.

وَلَقَدْ أَرَيْنَٰهُ ءَايَٰتِنَا كُلَّهَا فَكَذَّبَ وَأَبَىٰ ۞ 56

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް ތިމަންރަސްކަލާނގެ ހުރިހާ އާޔަތްތަކެއް ދެއްކެވީމެވެ. ފަހެ، އޭނާ އެ އާޔަތްތައް ދޮގުކޮށް (އީމާން ނުވެ) އެކަމުން މަނާވެގަތެވެ.

قَالَ أَجِئْتَنَا لِتُخْرِجَنَا مِنْ أَرْضِنَا بِسِحْرِكَ يَٰمُوسَىٰ ۞ 57

އޭނާ ބުންޏެވެ. އޭ މޫސާގެފާނެވެ! ކަލޭގެފާނު ތިމަންމެންގާތަށް ތިޔަވަޑައިގަތީ، ކަލޭގެފާނުގެ ޖާދޫގެ ބާރުން ތިމަންމެންގެ ބިމުން ތިމަންމެން ނެރުއްވުމަށްޓަކައިތޯއެވެ؟

فَلَنَأْتِيَنَّكَ بِسِحْرٍ مِّثْلِهِۦ فَٱجْعَلْ بَيْنَنَا وَبَيْنَكَ مَوْعِدًا لَّا نُخْلِفُهُۥ نَحْنُ وَلَآ أَنتَ مَكَانًا سُوًى ۞ 58

ފަހެ، ހަމަކަށަވަރުން، އެފަދަ ޖާދޫއެއް ކަލޭގެފާނަށް ތިމަންމެންވެސް ގެންނަހުށީމެވެ. ފަހެ، ތިމަންމެންވެސް އަދި ކަލޭގެފާނުވެސް އެއްބަސްވެ ހަމަހަމަވެގެންވާ ތަނެއްގެގޮތުން އެ މައުޢިދަކާ ޚިލާފު ނުވާނެ މައުޢިދެއް ތިމަންމެންނާއި، ކަލޭގެފާނާ ދެމެދު ކަނޑައަޅުއްވާށެވެ!

قَالَ مَوْعِدُكُمْ يَوْمُ ٱلزِّينَةِ وَأَن يُحْشَرَ ٱلنَّاسُ ضُحًى ۞ 59

އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މައުޢިދަކީ ޒީނަތްތެރިކަމުގެ (ޢީދު) ދުވަހެވެ. އަދި އިރުއަރައި އަލިވެގެން އަންނަވަގުތު، މީހުން އެއްކުރެވެން ވާނެއެވެ.

فَتَوَلَّىٰ فِرْعَوْنُ فَجَمَعَ كَيْدَهُۥ ثُمَّ أَتَىٰ ۞ 60

ދެން ފިރްޢައުނު އެނބުރި ހިނގައްޖެއެވެ. އަދި އޭނާގެ ޙީލަތްތެރި ރޭވުންތައް ރާވައި، އޭނާގެ ޖާދޫގަރުން އެއްކުރުމަށްފަހު، ދެން (އެތަނަށް) އަތުވެއްޖެއެވެ.

قَالَ لَهُم مُّوسَىٰ وَيْلَكُمْ لَا تَفْتَرُوا۟ عَلَى ٱللَّهِ كَذِبًا فَيُسْحِتَكُم بِعَذَابٍ وَقَدْ خَابَ مَنِ ٱفْتَرَىٰ ۞ 61

މޫސާގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. ﷲއާމެދު ތިޔަބައިމީހުން ހަދައިގެން ދޮގުނުބުނާށެވެ! ފަހެ، ﷲގެ ޢަޛާބުގެ ސަބަބުން، ތިޔަބައިމީހުން ހަލާކުވެ ނެތިވެހިނގައިދާނެތެވެ. އަދި ހަމަކަށަވަރުން (ﷲއާމެދު) ދޮގުހަދައިފިމީހާ ގެއްލެނިވެ، ނިކަމެތިވެގެން ހިނގައިދާހުށްޓެވެ.

فَتَنَٰزَعُوٓا۟ أَمْرَهُم بَيْنَهُمْ وَأَسَرُّوا۟ ٱلنَّجْوَىٰ ۞ 62

ދެން އެއުރެންގެ ކަންތަކާމެދު (އެބަހީ: މޫސާގެފާނާމެދު) އެއުރެންގެ މެދުގައި ޚިލާފުވެ ދެކޮޅުވެރިވެއްޖައޫއެވެ. އަދި އެއުރެންކުޅަ ސައްލާތައް (މީސްތަކުންނަށް) އެއުރެން ސިއްރުކޮށްފޫއެވެ.

قَالُوٓا۟ إِنْ هَٰذَٰنِ لَسَٰحِرَٰنِ يُرِيدَانِ أَن يُخْرِجَاكُم مِّنْ أَرْضِكُم بِسِحْرِهِمَا وَيَذْهَبَا بِطَرِيقَتِكُمُ ٱلْمُثْلَىٰ ۞ 63

އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ ދެ ޖާދޫގަރުންކަން ކަށަވަރެވެ. އެ ދެމީހުން އެދެނީ، އެ ދެމީހުންގެ ޖާދޫގެބާރުން ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލުމަށެވެ. އަދި ތިޔަބައިމީހުންގެ ދެވަނައެއްނެތް މޮޅު ދީނާއި ގޮތް، ނެތިކޮށްލުމަށެވެ.

فَأَجْمِعُوا۟ كَيْدَكُمْ ثُمَّ ٱئْتُوا۟ صَفًّا وَقَدْ أَفْلَحَ ٱلْيَوْمَ مَنِ ٱسْتَعْلَىٰ ۞ 64

ފަހެ، ތިޔަބައިމީހުންގެ ރޭވުންތައް މޮޅަށް ރާވާށެވެ! ދެން ތިޔަބައިމީހުން (ޖާދޫގަރުންނާއި ޢާއްމުންގެ މީހުން) ސަފަކަށްތިބެ އަންނާށެވެ! ހަމަކަށަވަރުން، މިއަދު މޮޅުވެ، މަތިވެރިވި މީހަކަށް ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ.

قَالُوا۟ يَٰمُوسَىٰٓ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ ۞ 65

އެއުރެން ބުނެފޫއެވެ. އޭ މޫސާގެފާނެވެ! އެހެންވިއްޔާ ފުރަތަމަ (އަސާ) އެއްލަވާނީ ކަލޭގެފާނުތޯއެވެ؟ އެހެންނޫނިއްޔާ ފުރަތަމަ އެއްލާމީހުން ކަމުގައިވާނީ ތިމަންމެންތޯއެވެ؟

قَالَ بَلْ أَلْقُوا۟ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ ۞ 66

އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކީއްހެއްޔެވެ؟ ތިޔަބައިމީހުން (ފުރަތަމަ) އެއްލާށެވެ! ފަހެ (އެއުރެން އެއްލިހިނދު) އެހާރުން އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެންގެ ޖާދޫގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ.

فَأَوْجَسَ فِى نَفْسِهِۦ خِيفَةً مُّوسَىٰ ۞ 67

ފަހެ، މޫސާގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަމެއް ހިނގިއެވެ.

قُلْنَا لَا تَخَفْ إِنَّكَ أَنتَ ٱلْأَعْلَىٰ ۞ 68

ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ކާމިޔާބުލިބި މޮޅުވާނީ ހަމަކަލޭގެފާނެވެ.

وَأَلْقِ مَا فِى يَمِينِكَ تَلْقَفْ مَا صَنَعُوٓا۟ إِنَّمَا صَنَعُوا۟ كَيْدُ سَٰحِرٍ وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ ۞ 69

އަދި ކަލޭގެފާނުގެ ކަނާތްޕުޅުގައިވާ އެތި (އެބަހީ: އަސާ) އެއްލަވާށެވެ! އޭރުން، އެ އަސާ އެއުރެން ހެދި ތަކެތި ކައި، ދިރުވާލައިފާނެތެވެ. ހަމަކަށަވަރުން، އެއުރެން ހެދި އެއްޗެހި ވާކަން ކަށަވަރީ (ހަމައެކަނި) ޖާދޫގަރުންގެ މަކަރު ކަމުގައެވެ. އަދި ޖާދޫގަރު ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ.

فَأُلْقِىَ ٱلسَّحَرَةُ سُجَّدًا قَالُوٓا۟ ءَامَنَّا بِرَبِّ هَٰرُونَ وَمُوسَىٰ ۞ 70

ފަހެ، ޖާދޫގަރުން ސަޖިދައަށް ތިރިވޫއެވެ. އެއުރެން ބުނޫއެވެ. ހާރޫނުގެފާނާއި، މޫސާގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންމެން އީމާން ވެއްޖައީމުއެވެ.

قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَٰفٍ وَلَأُصَلِّبَنَّكُمْ فِى جُذُوعِ ٱلنَّخْلِ وَلَتَعْلَمُنَّ أَيُّنَآ أَشَدُّ عَذَابًا وَأَبْقَىٰ ۞ 71

އޭނާ (އެބަހީ: ފިރްޢައުނު) ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން އިޛުނަ ދިނުމުގެ ކުރިން، އޭނާޔަށް (އެބަހީ: މޫސާގެފާނަށް) ތިޔަބައިމީހުން އީމާން ވީ ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ކަލޭމެންނަށް ޖާދޫ ދަސްކޮށްދިން ކަލޭމެންގެ ބޮޑުމީހާކަން ކަށަވަރެވެ. ފަހެ، ހަމަކަށަވަރުން، ކަލޭމެންގެ އަތްތަކާއި، ކަލޭމެންގެ ފައިތައް ތަފާތުކޮށް އަހުރެން ކަނޑާހުށީމެވެ. އަދި ކަދުރުރުކު ގަސްގަނޑުގައި ހަމަކަށަވަރުން، ކަލޭމެން ޞަލީބަށް އަރުވާހުށީމެވެ. އަދި ހަމަކަށަވަރުން، އަހުރެމެންކުރެ ގަދަފަދަ، އަދި ދެމިހުރުންބޮޑު ޢަޛާބެއްދެވޭނީ ކާކަށްކަން ކަލޭމެންނަށް ނިކަންހުރެ އެނގޭހުށްޓެވެ.

قَالُوا۟ لَن نُّؤْثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلْبَيِّنَٰتِ وَٱلَّذِى فَطَرَنَا فَٱقْضِ مَآ أَنتَ قَاضٍ إِنَّمَا تَقْضِى هَٰذِهِ ٱلْحَيَوٰةَ ٱلدُّنْيَآ ۞ 72

އެއުރެން ބުނޫއެވެ. ބަޔާން ވެގެންވާ ޙުއްޖަތާއި، ދަލީލުގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ ޙާޔާތުގައެވެ.

إِنَّآ ءَامَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَٰيَٰنَا وَمَآ أَكْرَهْتَنَا عَلَيْهِ مِنَ ٱلسِّحْرِ وَٱللَّهُ خَيْرٌ وَأَبْقَىٰٓ ۞ 73

ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން އީމާން ވެއްޖައީމުއެވެ. އެއީ އެކަލާނގެ ތިމަންމެންގެ ކުށްތަކާއި، ކަލޭ ތިމަންމެންނަށް މަޖުބޫރުކުޅަ ޖާދޫއާމެދު، ތިމަންމެންނަށް (ޢަފޫ ކުރައްވައި) ފާފަފުއްސެވުމަށްޓަކައެވެ. އަދި ﷲއީ، އެންމެ ހެޔޮވެގެންވާ، އަދި އެންމެ ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ.

إِنَّهُۥ مَن يَأْتِ رَبَّهُۥ مُجْرِمًا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحْيَىٰ ۞ 74

ހަމަކަށަވަރުން، އެމީހެއްގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ކުށްވެރިއެއްގެ ގޮތުގައި އަންނަމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ ނަރަކަޔެވެ. އެތާނގައި އޭނާ މަރެއް ނުވާނެތެވެ. އަދި (ފުރިހަމަ ދިރުމަކުން) ނުމެދިރޭނޭމެއެވެ.

وَمَن يَأْتِهِۦ مُؤْمِنًا قَدْ عَمِلَ ٱلصَّٰلِحَٰتِ فَأُو۟لَٰٓئِكَ لَهُمُ ٱلدَّرَجَٰتُ ٱلْعُلَىٰ ۞ 75

އަދި ހަމަކަށަވަރުން، މުއުމިނެއްގެ ގޮތުގައި، ޞާލިޙު ޢަމަލުތައްކޮށް، އެކަލާނގެ ޙަޟްރަތަށް އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް (އާޚިރަތުގައި) ހުރީ މަތިވެރިވެގެންވާ ދަރަޖައެވެ.

جَنَّٰتُ عَدْنٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَذَٰلِكَ جَزَآءُ مَن تَزَكَّىٰ ۞ 76

އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުރި ޢަދްނޭ ކިއުނު ސުވަރުގެތަކެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އެއީ (ނުބައިކަންތަކުން) ޠާހިރު ވެގަތް މީހާގެ ޖަޒާއެވެ.

وَلَقَدْ أَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِى فَٱضْرِبْ لَهُمْ طَرِيقًا فِى ٱلْبَحْرِ يَبَسًا لَّا تَخَٰفُ دَرَكًا وَلَا تَخْشَىٰ ۞ 77

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އަޅުންނާއިގެން ރޭގަނޑުގައި ހިންގަވައި (މިޞްރުގެ ބިމުން) ނުކުމެވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް ކަނޑުގައި ހިކިފައިވާ މަގެއް ހައްދަވާށެވެ! (ފިރްޢައުނުގެ ލަޝްކަރު) އަތުލައިގެންފާނެތީ، ބިރުފުޅުނުގެން ހުންނަވާ ޙާލުގައެވެ. އަދި (ކަނޑުގައި ޣަރަޤު ވެދާނެތީވެސް) ބިރުފުޅުނުގެން ހުންނަވާ ޙާލުގައެވެ.

فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِۦ فَغَشِيَهُم مِّنَ ٱلْيَمِّ مَا غَشِيَهُمْ ۞ 78

ފަހެ، ފިރްޢައުނު އޭނާގެ ލަޝްކަރާއިގެން އެއުރެންގެ ފަހަތުން ދިޔައެވެ. ދެން ކަނޑުގެ ލޮނުގަނޑު އެ ލަޝްކަރު އެކަށް ފޮރުވާލައި ނިވާކޮށްލައިފިއެވެ.

وَأَضَلَّ فِرْعَوْنُ قَوْمَهُۥ وَمَا هَدَىٰ ۞ 79

ފިރްޢައުނު އޭނާގެ ޤައުމުގެމީހުން މަގުފުރެއްދިއެވެ. އަދި އޭނާ (އެއުރެންނަކަށް) ތެދުމަގެއްވެސް ނުދެއްކިއެވެ.

يَٰبَنِىٓ إِسْرَٰٓءِيلَ قَدْ أَنجَيْنَٰكُم مِّنْ عَدُوِّكُمْ وَوَٰعَدْنَٰكُمْ جَانِبَ ٱلطُّورِ ٱلْأَيْمَنَ وَنَزَّلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ ۞ 80

އޭ އިސްރާއީލުގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢަދުއްވުންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް (އެބަހީ: މޫސާގެފާނަށް) ޠޫރު ފަރުބަދައިގެ ކަނާތްފަރާތަށް (ވަޑައިގަތުމަށް) މީޢާދެއް ކަނޑައެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް މައްނާއި ސަލްވާ ބާވައިލެއްވީމެވެ. (ނޯޓު: މައްނަކީ ބަޔެއް މުފައްސިރުން ވިދާޅުވާގޮތުގައި ފިނިފައިބާގޮތަށް ފައިބާއެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ. އަނެއްބައި މުފައްސިރުން ވިދާޅުވާގޮތުގައި އެއީ ގަނޑުފެނާ އެއްފަދަ މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. ސަލްވާއަކީ ބާވަތެއްގެ ދޫންޏެކެވެ.)

كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَلَا تَطْغَوْا۟ فِيهِ فَيَحِلَّ عَلَيْكُمْ غَضَبِى وَمَن يَحْلِلْ عَلَيْهِ غَضَبِى فَقَدْ هَوَىٰ ۞ 81

ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ޙަލާލު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އެކަމުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ފަހެ، އޭރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެދާހުށްޓެވެ. އަދި އެމީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ވެއްޓި ހަލާކުވެ ހިނގައްޖެއެވެ.

وَإِنِّى لَغَفَّارٌ لِّمَن تَابَ وَءَامَنَ وَعَمِلَ صَٰلِحًا ثُمَّ ٱهْتَدَىٰ ۞ 82

ތައުބާވެ އީމާންވެ ޞާލިޙު ޢަމަލު ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ.

وَمَآ أَعْجَلَكَ عَن قَوْمِكَ يَٰمُوسَىٰ ۞ 83

އޭ މޫސާގެފާނެވެ! ކަލޭގެފާނުގެ ޤައުމުގެމީހުންނަށްވުރެން އަވަސްވެވަޑައިގެން ވަޑައިގަންނަވަންޖެހުނީ ކީއްވެގެންތޯއެވެ؟

قَالَ هُمْ أُو۟لَآءِ عَلَىٰٓ أَثَرِى وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ ۞ 84

އެކަލޭގެފާނު ދެންނެވިއެވެ. އެއުރެން މިއަޅާގެ ފަހަތުން އެބައާދެތެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ.

قَالَ فَإِنَّا قَدْ فَتَنَّا قَوْمَكَ مِنۢ بَعْدِكَ وَأَضَلَّهُمُ ٱلسَّامِرِىُّ ۞ 85

އެކަލާނގެ ވަޙީ ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަހުގައި، ކަލޭގެފާނުގެ ޤައުމުގެމީހުން އިމްތިޙާނު ކުރެއްވީމެވެ. އަދި އައްސާމިރީ (އޭ ކިއުނު މީހަކު) އެއުރެން މަގުފުރެއްދިއެވެ.

فَرَجَعَ مُوسَىٰٓ إِلَىٰ قَوْمِهِۦ غَضْبَٰنَ أَسِفًا قَالَ يَٰقَوْمِ أَلَمْ يَعِدْكُمْ رَبُّكُمْ وَعْدًا حَسَنًا أَفَطَالَ عَلَيْكُمُ ٱلْعَهْدُ أَمْ أَرَدتُّمْ أَن يَحِلَّ عَلَيْكُمْ غَضَبٌ مِّن رَّبِّكُمْ فَأَخْلَفْتُم مَّوْعِدِى ۞ 86

ފަހެ، މޫސާގެފާނު ކޯފާވެ، ހިތާމަކުރައްވާ ޙާލު، އެކަލޭގެފާނުގެ ޤައުމުގެމީހުންގެ ގާތަށް އެނބުރި ވަޑައިގަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް ރަނގަޅު ވަޢުދަކުން ވަޢުދެއް ނުކުރައްވާހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ މައްޗަށް ޒަމާން ދިގުވެގެން ދިޔައީހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކޯފާއެއް އައުމަށް ތިޔަބައިމީހުން އެދެނީހެއްޔެވެ؟ އެހެނީ ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކުރި ވަޢުދާ ޚިލާފު ވެއްޖައީމުއެވެ.

قَالُوا۟ مَآ أَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلَٰكِنَّا حُمِّلْنَآ أَوْزَارًا مِّن زِينَةِ ٱلْقَوْمِ فَقَذَفْنَٰهَا فَكَذَٰلِكَ أَلْقَى ٱلسَّامِرِىُّ ۞ 87

އެއުރެން ދެންނެވޫއެވެ. ތިމަންމެން އަމިއްލަ އިޚްތިޔާރަކުން ކަލޭގެފާނަށް ކުޅަ ވަޢުދަކާ ޚިލާފެއް ނުވަމުއެވެ. އެހެނެއްކަމަކު، ޤައުމުގެމީހުންގެ ގަހަނާތަކުން ބުރަތަކެއް ތިމަންމެންނަށް އުފުލާން ޖެހުނީއެވެ. ފަހެ، ތިމަންމެން އެ ގަހަނާތައް (އަލިފާންގަނޑަށް) އުކީމުއެވެ. ހަމައެފަދައިން އައްސާމިރީ ވެސް އުކިއެވެ.

فَأَخْرَجَ لَهُمْ عِجْلًا جَسَدًا لَّهُۥ خُوَارٌ فَقَالُوا۟ هَٰذَآ إِلَٰهُكُمْ وَإِلَٰهُ مُوسَىٰ فَنَسِىَ ۞ 88

ފަހެ، އޭނާ އެއުރެންނަށް ޅަ ގެރިއެއްގެ ސިފައިގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް ނެރެދިނެވެ. ފަހެ، އެއުރެން ބުނޫއެވެ. މިއީ ތިޔަބައިމީހުންގެ އިލާހެވެ. އަދި މޫސާގެފާނުގެވެސް އިލާހެވެ. (އެކަން އެންގެވުމަށް) މޫސާގެފާނު ހަނދުމަފުޅު ނެތުނީއެވެ.

أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًا وَلَا يَمْلِكُ لَهُمْ ضَرًّا وَلَا نَفْعًا ۞ 89

ފަހެ، އެ ބުދު އެއުރެންނަށް ޖަވާބެއް ނުދޭކަމާއި، އެއުރެންނަށް ގެއްލުމެއް، އަދި މަންފާއެއް ދިނުންވެސް އެއަށް މިލްކުވެގެން ނުވާކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟

وَلَقَدْ قَالَ لَهُمْ هَٰرُونُ مِن قَبْلُ يَٰقَوْمِ إِنَّمَا فُتِنتُم بِهِۦ وَإِنَّ رَبَّكُمُ ٱلرَّحْمَٰنُ فَٱتَّبِعُونِى وَأَطِيعُوٓا۟ أَمْرِى ۞ 90

ހަމަކަށަވަރުން، މީގެކުރިން ހާރޫނުގެފާނު އެއުރެންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! އެ ގެރި މެދުވެރިކޮށް ތިޔަބައިމީހުން އިމްތިޙާނު ކުރެއްވީކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ރަޙްމާންވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢަ ވާށެވެ! އަދި ތިމަންކަލޭގެފާނުގެ އަމުރަށް ކިޔަމަންވާށެވެ!

قَالُوا۟ لَن نَّبْرَحَ عَلَيْهِ عَٰكِفِينَ حَتَّىٰ يَرْجِعَ إِلَيْنَا مُوسَىٰ ۞ 91

އެއުރެން ދެންނެވޫއެވެ. މޫސާގެފާނު ތިމަންމެންގެ ގާތަށް އެނބުރި ވަޑައިގެންފުމަށް ދާނދެން، ތިމަންމެން އެޔަށް އަޅުކަންކުރުންމަތީ ދެމިތިބޭނޫއެވެ.

قَالَ يَٰهَٰرُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوٓا۟ ۞ 92

އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ވިދާޅުވިއެވެ. އޭ ހާރޫނުގެފާނެވެ! އެއުރެން މަގުފުރެދިގެން ދިޔަތަން ކަލޭގެފާނަށް ފެނިވަޑައިގަތްހިނދު، ތިމަންކަލޭގެފާނަށް ތަބަޢަވެ، ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަތުން ކަލޭގެފާނަށް މަނާކުރީ ކޮންކަމެއްތޯއެވެ؟ ފަހެ، ތިމަންކަލޭގެފާނުގެ އަމުރަށް ކަލޭގެފާނު އުރެދިވަޑައިގަތީތޯއެވެ؟

أَلَّا تَتَّبِعَنِ أَفَعَصَيْتَ أَمْرِى ۞ 93

އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ވިދާޅުވިއެވެ. އޭ ހާރޫނުގެފާނެވެ! އެއުރެން މަގުފުރެދިގެން ދިޔަތަން ކަލޭގެފާނަށް ފެނިވަޑައިގަތްހިނދު، ތިމަންކަލޭގެފާނަށް ތަބަޢަވެ، ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަތުން ކަލޭގެފާނަށް މަނާކުރީ ކޮންކަމެއްތޯއެވެ؟ ފަހެ، ތިމަންކަލޭގެފާނުގެ އަމުރަށް ކަލޭގެފާނު އުރެދިވަޑައިގަތީތޯއެވެ؟

قَالَ يَبْنَؤُمَّ لَا تَأْخُذْ بِلِحْيَتِى وَلَا بِرَأْسِىٓ إِنِّى خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِىٓ إِسْرَٰٓءِيلَ وَلَمْ تَرْقُبْ قَوْلِى ۞ 94

އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މަންމާގެ ދަރިކަލުންނޭވެ! ތިމަންގެ ތުނބުޅީގައްޔާއި، ބޮލުގެ އިސްތަށިގަނޑުގައި ނުހިއްޕަވާށެވެ! ހަމަކަށަވަރުން، އިސްރާއީލުގެދަރިން ބައިބައިކުރިކަމަށް ކަލޭގެފާނު ވިދާޅުވާނެތީ، ތިމަން ބިރުގަތީއެވެ. އަދި ތިމަންގެ ބަހަކަށް ކަލޭގެފާނު އިންތިޒާރެއް ނުކުރައްވަމުއެވެ.

قَالَ فَمَا خَطْبُكَ يَٰسَٰمِرِىُّ ۞ 95

އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ވިދާޅުވިއެވެ. އޭ ސާމިރީއެވެ! ފަހެ، ކަލޭ އެގޮތަށް ކަންތައްކުރަންޖެހުނީ ކީއްވެގެންހެއްޔެވެ؟

قَالَ بَصُرْتُ بِمَا لَمْ يَبْصُرُوا۟ بِهِۦ فَقَبَضْتُ قَبْضَةً مِّنْ أَثَرِ ٱلرَّسُولِ فَنَبَذْتُهَا وَكَذَٰلِكَ سَوَّلَتْ لِى نَفْسِى ۞ 96

އެކަލޭގެ ދެންނެވިއެވެ. އެއުރެން ނުދެކޭ އެއްޗެއް ތިމަންނާ ދުށީމެވެ. ފަހެ، ފޮނުއްވާފައިވާ މަލާއިކަތާގެ (އެބަހީ: ޖިބްރީލުގެފާނުގެ އަސްކޮޅުގެ) ފިޔަވަޅު ޖެހުނުތަނުން ފަސްމުށެއް ނެގީމެވެ. އަދި އެ ފަސްމުށް (އެ ގެރީގެ މައްޗަށް) އެއްލީމެވެ. ތިމަންގެ ނަފްސު ތިމަންނައަށް ޒީނަތްތެރިކޮށްދިނީ އެފަދައިންނެވެ.

قَالَ فَٱذْهَبْ فَإِنَّ لَكَ فِى ٱلْحَيَوٰةِ أَن تَقُولَ لَا مِسَاسَ وَإِنَّ لَكَ مَوْعِدًا لَّن تُخْلَفَهُۥ وَٱنظُرْ إِلَىٰٓ إِلَٰهِكَ ٱلَّذِى ظَلْتَ عَلَيْهِ عَاكِفًا لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِى ٱلْيَمِّ نَسْفًا ۞ 97

އެކަލޭގެފާނު ވިދާޅުވިއެވެ! ފަހެ، ދާންއުޅޭށެވެ! ފަހެ، ހަމަކަށަވަރުން، (ދުނިޔޭގެ) ޙާޔާތުގައި ކަލެޔަށްއޮތީ (އެއްވެސް މީހެއްގައި) ބީހުމެއްނެތޭ ބުނުމެވެ. އަދި ހަމަކަށަވަރުން (އާޚިރަތުގައި) ޚިލާފު ނުވެވޭނެ މައުޢިދެއް ކަލެޔަށް ވެއެވެ. އަދި ކަލޭ، އެއަށް އަޅުކަންކުރުންމަތީ ދެމިހުރި، ކަލޭގެ އިލާހަށް ބަލާށެވެ! ހަމަށަވަރުން، ތިމަންކަލޭގެފާނު އޭތި އަންދައިލައްވާހުށީމެވެ. އަދި ހަމަކަށަވަރުން، ކަނޑުތެރެޔަށް އޭގެ އަޅިތައް ބުރުއްސައިލައްވާހުށީމެވެ.

إِنَّمَآ إِلَٰهُكُمُ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ وَسِعَ كُلَّ شَىْءٍ عِلْمًا ۞ 98

ހަމަކަށަވަރުން، ތިޔަބައިމީހުންގެ އިލާހަކީ ﷲއެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި އެހެން އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެކަލާނގެ ޢިލްމުފުޅު ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ.

كَذَٰلِكَ نَقُصُّ عَلَيْكَ مِنْ أَنۢبَآءِ مَا قَدْ سَبَقَ وَقَدْ ءَاتَيْنَٰكَ مِن لَّدُنَّا ذِكْرًا ۞ 99

އިސްވެދިޔަ އުއްމަތްތަކުގެ ޚަބަރުތަކުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ކިޔައިދެއްވަނީ، އެފަދައިންނެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ޤުރްއާން ދެއްވީމެވެ.

مَّنْ أَعْرَضَ عَنْهُ فَإِنَّهُۥ يَحْمِلُ يَوْمَ ٱلْقِيَٰمَةِ وِزْرًا ۞ 100

އެ ޤުރްއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކު ޤިޔާމަތް ދުވަހުން ބުރަދަންހުރި ފާފައެއް އުފުލާހުށްޓެވެ.

خَٰلِدِينَ فِيهِ وَسَآءَ لَهُمْ يَوْمَ ٱلْقِيَٰمَةِ حِمْلًا ۞ 101

އޭގެ ޢަޛާބުގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. އަދި ޤިޔާމަތް ދުވަހުން އެއުރެން އުފުލާ ބުރައިގެ ހުރި ނުބައިކަމާއެވެ!

يَوْمَ يُنفَخُ فِى ٱلصُّورِ وَنَحْشُرُ ٱلْمُجْرِمِينَ يَوْمَئِذٍ زُرْقًا ۞ 102

ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. އަދި އެދުވަހުން ކުށްވެރިން (ގެ މޫނުތައް ބިރުވެރިކަމުން) ނޫވެގެންވާ ޙާލު، މަޙްޝަރަށް ފޮނުއްވާހުށީމެވެ.

يَتَخَٰفَتُونَ بَيْنَهُمْ إِن لَّبِثْتُمْ إِلَّا عَشْرًا ۞ 103

އެއުރެންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް ސިއްރު ވާހަކަ ދައްކަމުން ބުނާނެތެވެ. ތިޔަބައިމީހުން (ދުނިޔެމަތީގައި) ދިހަ ދުވަހު މެނުވީ ނުތިބެމުއެވެ.

نَّحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِن لَّبِثْتُمْ إِلَّا يَوْمًا ۞ 104

އެއުރެން (އެބަހީ: ކާފިރުން) ބުނެއުޅޭ ބަސްތައް ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އެއުރެންކުރެ އެންމެ ރަނގަޅުގޮތަށް ވިސްނިމީހާ ބުނިހިނދެވެ. ތިޔަބައިމީހުން އެންމެ ދުވަހަކު މެނުވީ ނުތިބެމުއެވެ.

وَيَسْـَٔلُونَكَ عَنِ ٱلْجِبَالِ فَقُلْ يَنسِفُهَا رَبِّى نَسْفًا ۞ 105

އަދި އެއުރެން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެތެވެ. ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެތެވެ.

فَيَذَرُهَا قَاعًا صَفْصَفًا ۞ 106

ފަހެ، ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެކަލާނގެ އެ ބިން ދޫކުރައްވާނެތެވެ.

لَّا تَرَىٰ فِيهَا عِوَجًا وَلَآ أَمْتًا ۞ 107

އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެތެވެ.

يَوْمَئِذٍ يَتَّبِعُونَ ٱلدَّاعِىَ لَا عِوَجَ لَهُۥ وَخَشَعَتِ ٱلْأَصْوَاتُ لِلرَّحْمَٰنِ فَلَا تَسْمَعُ إِلَّا هَمْسًا ۞ 108

އެދުވަހުން ގޮވައިލާމީހާއަށް އެއުރެން ތަބަޢަ ވާނެތެވެ. އެކަމަށް އެއްވެސް ގުދުކަމެއްނެތެވެ. އަދި ރަޙްމާންވަންތަ ރަސްކަލާނގެއަށް (ބިރުވެތިވެ) އަޑުތައް ހިމޭންވާނެއެވެ. ފަހެ (ފިޔަވަޅުގެ އަޑުކަހަލަ) މަޑު އަޑެއް މެނުވީ ތިބާޔަކަށް ނީވޭނެތެވެ.

يَوْمَئِذٍ لَّا تَنفَعُ ٱلشَّفَٰعَةُ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَرَضِىَ لَهُۥ قَوْلًا ۞ 109

ރަޙްމާންވަންތަ ރަސްކަލާނގެ އެމީހަކަށް އިޛުނަ ދެއްވައި، އަދި އެމީހަކުގެ ބަހަށް ރުހިވޮޑިގެންފިމީހަކަށް މެނުވީ، އެދުވަހުން ޝަފާޢަތްތެރިވުމުގެ މަންފާއެއް ނުކުރާނެތެވެ.

يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِۦ عِلْمًا ۞ 110

އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއުރެންނަކަށް އެކަންތައްތަކެއް އެނގިގެނެއް ނުވެތެވެ.

وَعَنَتِ ٱلْوُجُوهُ لِلْحَىِّ ٱلْقَيُّومِ وَقَدْ خَابَ مَنْ حَمَلَ ظُلْمًا ۞ 111

ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމް ވެވޮޑިގެންވާ ރަސްކަލާނގެއަށްޓަކައި، މޫނުތައް ދެރަވެ ނިކަމެތިވެއްޖެއެވެ. އަދި (ޝިރުކުގެ) އަނިޔާވެރިކަން އުފުލައިގެން އަންނަމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.

وَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ وَهُوَ مُؤْمِنٌ فَلَا يَخَافُ ظُلْمًا وَلَا هَضْمًا ۞ 112

އަދި މުއުމިނަކު ކަމުގައިވާ ޙާލު، ޞާލިޙު ޢަމަލުތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، އަނިޔާއެއް ލިބިދާނެކަމަކަށް އަދި ޙައްޤެއް އުނިވެދާނެކަމަކަށްވެސް އޭނާ ބިރެއް ނުގަންނާނެތެވެ.

وَكَذَٰلِكَ أَنزَلْنَٰهُ قُرْءَانًا عَرَبِيًّا وَصَرَّفْنَا فِيهِ مِنَ ٱلْوَعِيدِ لَعَلَّهُمْ يَتَّقُونَ أَوْ يُحْدِثُ لَهُمْ ذِكْرًا ۞ 113

އަދި ހަމައެފަދައިން، ޢަރަބި ބަހުންވާ ޤުރްއާނެއްކަމުގައި ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީމެވެ. އަދި އެ ފޮތުގައި ތިމަންރަސްކަލާނގެ ވަޢީދުތައް ތަފްޞީލު ކޮށް ބަޔާން ކުރެއްވީމެވެ. (އެއީ) އެއުރެން ބިރުވެތިވެ، ތަޤްވާވެރިވުމަށްޓަކައެވެ. ނުވަތަ އެއުރެންނަށް ހަނދާންކޮށްދީ، ޢިބްރަތް ލިބިދިނުމަށެވެ.

فَتَعَٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ وَلَا تَعْجَلْ بِٱلْقُرْءَانِ مِن قَبْلِ أَن يُقْضَىٰٓ إِلَيْكَ وَحْيُهُۥ وَقُل رَّبِّ زِدْنِى عِلْمًا ۞ 114

ފަހެ، ރަސްވަންތަ، ޙައްޤުވަންތަ ﷲ މަތިވެރިވެ ވޮޑިގެންވެއެވެ. ކަލޭގެފާނަށް ވަޙީ ބާވައިލައްވައި ނިމުމުގެކުރިން ކަލޭގެފާނު އެ ޤުރްއާން ކިޔަވައިވިދާޅުވުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!

وَلَقَدْ عَهِدْنَآ إِلَىٰٓ ءَادَمَ مِن قَبْلُ فَنَسِىَ وَلَمْ نَجِدْ لَهُۥ عَزْمًا ۞ 115

ހަމަކަށަވަރުން، މީގެކުރިން ތިމަންރަސްކަލާނގެ އާދަމުގެފާނަށް ވަޞިއްޔަތް ކުރައްވައި، ޢަހުދު ހިއްޕެވީމެވެ. ފަހެ، އެކަލޭގެފާނު (އެ ޢަހުދު) ހަނދުމަނެތުނެވެ. އަދި އެކަލޭގެފާނުގެ ކިބައިން އެއްވެސް ޢަޒުމަކާއި، ޘާބިތުކަމެއް ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ.

وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ ۞ 116

އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަ ކުރާށޭ ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އިބްލީސް ފިޔަވައި އެ މަލާއިކަތުން ސަޖިދަ ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަތެވެ.

فَقُلْنَا يَٰٓـَٔادَمُ إِنَّ هَٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ ٱلْجَنَّةِ فَتَشْقَىٰٓ ۞ 117

ފަހެ، ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. އޭ އާދަމުގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި ޢަދާވަތްތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ.

إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ ۞ 118

ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައިވުމެއްނުވެތެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ.

وَأَنَّكَ لَا تَظْمَؤُا۟ فِيهَا وَلَا تَضْحَىٰ ۞ 119

އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއް ނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ.

فَوَسْوَسَ إِلَيْهِ ٱلشَّيْطَٰنُ قَالَ يَٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍ لَّا يَبْلَىٰ ۞ 120

ފަހެ، ޝައިޠާނާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ އާދަމުގެފާނެވެ! (އެ ގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) ޝަޖަރަތުލް ޚުލްދި ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟

فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ ۞ 121

ފަހެ، އެ ދެކަނބަލުން އެ ގަހުން ފަރިއްކުޅުއްވިއެވެ. ދެން އެ ދެކަނބަލުންގެ ޢައުރަ، އެ ދެކަނބަލުންނަށް ފާޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން ޢައުރަ ނިވާކުރައްވަން ފެއްޓެވިއެވެ. އަދި އާދަމުގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އުރެދިވަޑައިގަތެވެ. ފަހެ، އެކަލޭގެފާނުގެ މަޤްޞަދު ޙާޞިލު ނުވެ މަގުގެއްލުނެވެ.

ثُمَّ ٱجْتَبَٰهُ رَبُّهُۥ فَتَابَ عَلَيْهِ وَهَدَىٰ ۞ 122

ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނު ޚިޔާރު ކުރެއްވިއެވެ. ފަހެ، އެކަލޭގެފާނުގެ މައްޗަށް ތައުބާ ލައްވައި ތެދުމަގު ދެއްކެވިއެވެ.

قَالَ ٱهْبِطَا مِنْهَا جَمِيعًۢا بَعْضُكُمْ لِبَعْضٍ عَدُوٌّ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ ۞ 123

އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަދެކަނބަލުން އެކުގައި ސުވަރުގެއިން (ބިމަށް) ފައިބައިވަޑައިގަންނަވާށެވެ! ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ޢަދާވަތްތެރިން ކަމުގައިވާ ޙާލުގައެވެ. ފަހެ، ތިމަންރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންރަސްކަލާނގެ ތެދުމަގަށް ތަބަޢަ ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ.

وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ ۞ 124

އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ.

قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًا ۞ 125

އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މިއަޅާ މަޙްޝަރަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ.

قَالَ كَذَٰلِكَ أَتَتْكَ ءَايَٰتُنَا فَنَسِيتَهَا وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ ۞ 126

އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ހަމައެފަދައިން ތިމަންރަސްކަލާނގެ އާޔަތްތައް ކަލެޔާ ހަމަޔަށްއައެވެ. ފަހެ، އެ އާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެތެވެ. (އެބަހީ: ﷲގެ ރަޙްމަތުން މަޙްރޫމު ކޮށްލެވޭނެތެވެ.)

وَكَذَٰلِكَ نَجْزِى مَنْ أَسْرَفَ وَلَمْ يُؤْمِنۢ بِـَٔايَٰتِ رَبِّهِۦ وَلَعَذَابُ ٱلْـَٔاخِرَةِ أَشَدُّ وَأَبْقَىٰٓ ۞ 127

އަދި (އުރެދުމުގައި) ހައްދުފަހަނަޅައިގޮސް، އަދި އޭނާގެ ވެރިރަސްކަލާނގެ އާޔަތްތަކަށް އީމާން ނުވިމީހާއަށް، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. އަދި ހަމަކަށަވަރުން، އާޚިރަތުގެ ޢަޛާބު މާގަދައެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ.

أَفَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَٰكِنِهِمْ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّأُو۟لِى ٱلنُّهَىٰ ۞ 128

ފަހެ، އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް އުއްމަތް ހަލާކުކުރެއްވިކަން އެއުރެންނަށް ބަޔާން ވެގެން ނުވޭހެއްޔެވެ؟ އެއުރެންގެ ގޮވަތިގެދޮރުހުރި ތަންތާނގައި، އެއުރެން ހިނގައިއުޅޭ ޙާލުގައެވެ. ހަމަކަށަވަރުން، އެކަމުގައި ބުއްދީގެ އަހުލުވެރިންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.

وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَكَانَ لِزَامًا وَأَجَلٌ مُّسَمًّى ۞ 129

ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން (އެއުރެންނަށް ޢަޛާބު ލަސްކުރެއްވުމުގެ) ކަލިމަފުޅެއް އިސްވެގޮސްފައި ނުވާނަމަ، އަދި ކަނޑައެޅިގެންވާ މުއްދަތެއް ނުވާނަމަ (އެއުރެންނަށް ދުނިޔެމަތީގައި) ޢަޛާބު ދެއްވުން ލާޒިމް ވެއްޖައީހެވެ.

فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ غُرُوبِهَا وَمِنْ ءَانَآئِ ٱلَّيْلِ فَسَبِّحْ وَأَطْرَافَ ٱلنَّهَارِ لَعَلَّكَ تَرْضَىٰ ۞ 130

ފަހެ، އެއުރެން ބުނާބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އަދި ރޭގަނޑުގެ ވަގުތުތަކުން ބައެއްގައްޔާއި، ދުވާލުގެ ދެކޮޅުގައި ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އެއީ ކަލޭގެފާނު ރުހިވަޑައިގަތުމަށްޓަކައެވެ. (ނޯޓު: މި އާޔަތުގައި ފަރުޟު ފަސްނަމާދުގެ ވަގުތުތައް ބަޔާން ވެގެންވާ ކަމުގައި މުފައްސިރުން ލިޔުއްވާފައިވެއެވެ.)

وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ ۞ 131

އަދި އެއުރެންގެ ތެރެއިން ބަޔަކަށް ދުނިޔަވީ ޙަޔާތުގެ ޒީނަތްތެރިކަމުގެ ގޮތުން ތިމަންރަސްކަލާނގެ އެތަކެއްޗާމެދު އެއުރެން އިމްތިޙާނު ކުރެއްވުމަށްޓަކައި، ދެއްވި ތަކެއްޗަށް އެދިވަޑައިގެން، ކަލޭގެފާނު ނުބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވަވާ ތަކެތި ހެޔޮކަން ބޮޑެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ.

وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا لَا نَسْـَٔلُكَ رِزْقًا نَّحْنُ نَرْزُقُكَ وَٱلْعَٰقِبَةُ لِلتَّقْوَىٰ ۞ 132

އަދި ކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމުރު ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒްޤު ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒްޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، ތަޤްވާވެރިންނަށެވެ.

وَقَالُوا۟ لَوْلَا يَأْتِينَا بِـَٔايَةٍ مِّن رَّبِّهِۦٓ أَوَلَمْ تَأْتِهِم بَيِّنَةُ مَا فِى ٱلصُّحُفِ ٱلْأُولَىٰ ۞ 133

އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެކަލޭގެފާނު ތިމަންމެންނަށް މުޢުޖިޒާއެއް ނުގެންނަވަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، (އެއުރެން އެހެންބުނާއިރު) ކުރީގެ ފޮތްތަކުގައި ބަޔާން ވެގެންވާ ހެކިތައް އެއުރެންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟

وَلَوْ أَنَّآ أَهْلَكْنَٰهُم بِعَذَابٍ مِّن قَبْلِهِۦ لَقَالُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ ءَايَٰتِكَ مِن قَبْلِ أَن نَّذِلَّ وَنَخْزَىٰ ۞ 134

އޭގެކުރިން (އެބަހީ: ޤުރްއާން ބާވައިލެއްވުމުގެ، ނުވަތަ މުޙައްމަދުގެފާނު ފޮނުއްވުމުގެ ކުރިން) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބުން އެއުރެން ހަލާކުކުރެއްވިނަމަ، އެއުރެން ބުނީސްކަން ކަށަވަރެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އަޅަމެންގެ ގާތަށް ރަސޫލަކު ނުފޮނުއްވެވީ ކީއްވެގެންތޯއެވެ؟ ފަހެ، އޭރުން ތިމަންމެން ދެރަވެ ހަލާކުވުމުގެ ކުރީގައި އިބަރަސްކަލާނގެ އާޔަތްތަކަށް ތަބަޢަ ވީމުހެވެ.

قُلْ كُلٌّ مُّتَرَبِّصٌ فَتَرَبَّصُوا۟ فَسَتَعْلَمُونَ مَنْ أَصْحَٰبُ ٱلصِّرَٰطِ ٱلسَّوِىِّ وَمَنِ ٱهْتَدَىٰ ۞ 135

ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެމީހަކީވެސް (އެމީހަކަށް އަތުވެދާނެ ކަންކަމާމެދު) އިންތިޒާރު ކުރާ މީހެކެވެ. ފަހެ، ތިޔަބައިމީހުންވެސް އިންތިޒާރު ކުރާށެވެ! ފަހެ، ސީދާވެގެންވާ ތެދުމަގުގެ އަހުލުވެރިންނަކީ އަދި ހިދާޔަތް ލިބިގެންވާ މީހުންނަކީ، ކޮބައިކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.